މިދިޔަ ހުކުރު ދުވަހު، އިންޖީނު ފެއިލްވެގެން ކަނޑަށް ވެއްޓުނު އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލްގެ މަތިންދާ ބޯޓް މިއަދު ނަގައިފިއެވެ.
އޭއޭއޭ އިން ބުނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާ ކައިރި ހިއްސާބެއްގެ ކަނޑު އަޑީގައި އޮތް ބޯޓު ނަގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި ބޯޓު ނެގީ ބާޖެއްގައި ގޮސް ކެރޭނެއްގެ އެހީގައި ކަމަށެވެ. މި ބޯޓު ކަނޑުން ނެގި އިރު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގައެވެ.
މި ބޯޓު 'ކްރޭޝް ލޭންޑް' ކުރި ކަމަށް ބުނި ނަމަވެސް ކަމުގެ މާހިރުން ބުނަނީ މާސިންގާ ކަނޑަށް ކްރޭޝްލޭންޑް ނުކުރާނެ ކަމަށެވެ. މި ބޯޓު ވެއްޓުނު އިރު އޭގައި ފުލައިން ސްކޫލްގެ ދަރިވަރަކާއި، އިންސްޓްރަކްޓަރެއް ތިއްބެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި ބޯޓު ކަނޑައް ވެއްޓުމާ އެކު ދެ މީހުން އެއިން ނުކުތުމުން އެ ދެމީހުން ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯނީގެ އެހީގައި ވަނީ ރިސޯޓަށް ގެންގޮސްފައެވެ.
ބޯޓުގެ އިންޖީނު ފެއިލް ވި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ތަހުގީގު ކުރަމުން އަންނައިރު، ބޯޓުގެ އިންޖީނު ފެއިލްވާން ދިމާވި މައްސަލަ ދެނެގަންނާނެ ކަމަށް އޭއޭއޭ އިން ވެސް ބުނެއެވެ.
މީގެ އިތުރުން އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އިންޖީނު ފެއިލްވި ބޯޓަކީ 2015 ވަނަ އަހަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓު ކަމަށެވެ. އަދި އެ ހާދިސާގައި ވެސް ބޯޓުގައި އިން ދެ މީހުންނަށް އަދި ބޯޓަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބި، ސަލާމަތް ވެފައިވާ ކަމަށް އޭވިއޭޓާސް އިން ބުނެއެވެ.