"ކުރެވުނީ ޖަލެއްގެ އިހުސާސް. ކުރެވުނީ ޖަލަށް ލެވިފައިވާކަމުގެ އިހުސާސް. އެތަނުގައި ވާހަކަ ދެއްކުމުގެ މިނިވަންކަމެއް ނެތް. ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ، ހިތްދަތިކުރުވާ މަންޒަރުތަކެއް"، އިންޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ކަވީތާ ކްރިޝްނަން ބުނެލިއެވެ.

ކަވީތާއަކީ، މާއްދާތަ 370 އުވާލާ، އިންޑިއާގެ މައި ސަރުކާރާ، ސަރުކާރުން ކޮންޓްރޯލް ކުރާ އަސްކަރިއްޔާއާއި ސަލާމަތީ ބާރުގެ ދަށަށް ޖައްމުއާއި ކަޝްމީރުން އިންޑިއާއަށް ވީ ސަރަހައްދު ގެންދިޔަ ފަހުން އެސަރަހައްދަށް ދަތުރުކުރި އެކްޓިވިސްޓުންގެ ޓީމުގައި ހިމެނޭ މެމްބަރެކެވެ.

ކަވީތާއާއިއެކު ކަޝްމިރަށް ދަތުރުކުރި އެކްޓިވިސްޓުންގެ ޓީމުން ކަޝްމީރުގައި 5 ދުވަސް ހޭދަކުރުމަށްފަހު އެކުލަވާލި ރިޕޯޓް އާންމުކޮށްފައިވާއިރު، ޖައްމު އާއި ކަޝްމީރަށް ލިބިދީފައިވާ ހާއްސަ ދަރަޖައަށް އުނިކަން އަންނަ ގޮތަށް ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކަޝްމީރަށް ދަތުރުކުރި ހާއްސަ ޓީމުގައި އެކްޓިވިސްޓުންގެ އިތުރުންގެ އިގުތިސޯދީ ތަޖުރިބާކާރުންނާ ލިޔުންތެރިންވެސް ހިމެނެއެވެ. މި ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަވީތާ ބުނީ، އިންޑިއާގެ މީޑިއާއިން ކަޝްމީރުގެ މަސްރަހު ސިފަކޮށްދެމުންދާ ގޮތާ، ކަޝްމީރުގެ ހަގީގީ މަސްރަހު އިންތިހާއަށް ތަފާތު ކަމަށެވެ.

ކަވީތާއާއިއެކު ދަތުރުކުރި މައިމޫނާ މޫލާގެ ޝުއޫރުތައްވެސް ހުރީ މިފަދަ މޭރުމަކުންނެވެ. އޭނާ ވަނީ ކަޝްމީރުގެ ރައްޔިތުންނާ ކަޝްމިރުގައި އޮތް މީޑިއާގެ އަޑުކަނޑުވާލެވިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް ގޮވާލާފައެވެ. އަދި ޖައްމު އާއި ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކަކާއި މިނިވަންކަމާ އިސްތުގުލާލު ކަށަވަރުކޮށްދިން މާއްދާ 370އާއި މާއްދާ 35 (ހ) އަނބުރާ ތަންފީޒުކުރުމަށްވެސް މައިމޫނާ ވަނީ ގޮވާލާފައެވެ.

ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ކާފިއު އިއުލާންކޮށްފައިވަނިކޮށް ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އޭއެފްޕީ

"އެތަނުގައި ތިބި މީހުން ތިބީ އެކަނިވެރިވެފަ. ބަސްހުއްޓި، ހިމޭންވެފަ. މީހުންގެ މޫނުމަތިން ފެންނަނީ އެހީއެއް ލިބެން ނެތްކަން ގަބޫލުކޮށްގެން ތިބި ފަދަ އިހުސާސްތަކެއް. އެމީހުންނަށް ބަލާލުމުން ފެންނަނީ ލަދުގަންނަވާލާފައިވާ ބައެއްގެ މޫނުމަތިން ފެންނަ އިހުސާސްތަކެއް. އެމީހުންގެ މޫނުމަތިން ނަފުރަތު ފެނޭ"، ކަޝްމީރު ދަތުރު ސިފަކޮށްދެމުން މައިމޫނާ ކިޔައިދިނެވެ.

ގާނޫނަށް ބަދަލު ގެނެސް، ކަޝްމީރުގެ މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް އުސޫލުތަކެއް ތަންފީޒުކުރަން ފެށީ، އިންޑިއާގެ އެހެން ސަރަހައްދުތަކަށްވުރެ ކަޝްމީރުގެ ތަރައްގީ މަޑުޖެހިފައި އޮތުމުން ކަމަށް އިންޑިއާގެ މައި ސަރުކާރުގެ ނިންމުން ދިފާއުކުރާ ފަރާތްތަކުން ކުރަމުންދާ ވަކާލާތަށް ޖަވާބު ދެމުން، ކަޝްމީރަށް ދަތުރުކުރި އެކްޓިވިސްޓުންގެ ޓީމުގައި ހިމެނޭ އިގުތިސޯދީ ތަޖުރިބާކާރު ޖޯން ޑްރީޒްވަނީ މި ދައުވާއަށް ގޮންޖަހާފައެވެ.

"2000 ވަނަ އަހަރުން ފެށިގެން 4 ފަހަރެއްގެ މަތިން ކަޝްމީރަށް ދެވިއްޖެ. އެއް ފަހަރުން އަނެއް ފަހަރަށް، ކަޝްމީރުގެ ރައްޔިތުން ހޯދާފައިވާ ކުރިއެރުންތައް ފެނި، އަހަރެން އާޝޯހްވޭ. ކަޝްމީރުގެ ފަގީރު އަވަށްގަނޑުތަކުން ފެންނަ މަންޒަރުތައް ފާހަގަކުރެވޭ. ބިހާރާ، އުއްތަރަޕްރަދޭޝްގެ ފަގީރު އަވަށްގަނޑުތަކުން ފެންނަ މަންޒަރުތަކާ އަޅާ ކިއާއިރު ކަޝްމީރުގެ ފަގީރު ހިސާބުތަކުގެ މަންޒަރުގެ ތަފާތުކަން ފާހަގަކުރެވޭ" ޑްރީޒް ކިއާދިނެވެ.

ޖައްމު އާއި ކަޝްމީރުގެ އިންޑިއާއި ވީ ފަޅީގެ ފަޅުވެފައިވާ މަގެއް މަތީގައި ދެމައިން ދަށިބަރިއެއް ހިނގާފައި ދާއިރު ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އެކްޓިވް މީޑިއާ

ދާދިފަހުން މުސްލިމުންނާ ބައްދަލުކުރި ބަރަކާތްތެރި އަޟްޙާ ޢީދުގައިވެސް ކަޝްމިރުން ފެނިގެންދިޔައީ ހިމޭންކަމެވެ. އެކްޓިވިސްޓުންގެ ޓީމުންވަނީ، މިމަންޒަރުތައް ފެންނަ ވީޑިއޯ ކޮމްޕައިލެއްވެސް އާންމުކޮށްފައެވެ.

މިއަދަކީ އިންޑިއާގެ 73 ވަނަ މިނިވަސް ދުވަހުގެ މުނާސަބާ އެގައުމުގައި ފާހަގަކުރަމުންދާ ދުވަހަށްވާއިރު، އިންޑިއާގެ މައި ސަރުކާރުން އަދިވެސް ދަނީ ކަޝްމީރަށް އުނިކަން ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.