އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ޖައްމުއާއި ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއަށް އަމާޒުކޮށް އިންޑިއާއިން ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވަމުން ދާ ކަމަށް ތުހުމަތު ކުރައްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވާހަކަފުޅު ދައްކަވައިފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބާގައި، ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ހާއްސަ ތަގުރީރެއްގައި އިމްރާން ވިދާޅުވީ، މި ހަމަލާއަކީ، ޖާއިޝީ މުޙައްމަދު ޖަމާއަތުގެ ޓެރަރިސްޓް ކޭމްޕުތަކަށް އަމާޒުކޮށް ކަމަށް ބުނެ މިއަހަރުގެ ކުރީ ކޮޅު އިންޑިއާއިން ބަލަކޮޓްއަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ އިންޑިއާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޕާކިސްތާނު ފުރިހަމައަށް ތައްޔާރު ވެފައި ވާކަމަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން އިންޑިއާއާއިން ރާވާފައިވާ ފަދައިން ޕާކިސްތާނާ ދެކޮޅަށް ޖަރީމާއެއް ހިންގައިފިނަމަ، އެކަމަށް ރައްދު ދިނުމަށް ޕާކިސްތާނުގެ މުޖުތަމައާއި އަސްކަރިއްޔާވެސް އޮތީ ތައްޔާރުވެފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް ފާޑުވިދާޅުވުންތައް އަމާޒުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ބައިނަލްއަގުވާމީ މުޖުތަމައުން ކަމަށާ، އެހެނީ، މިމައްސަލައަކީ މިހާރުވެސް އދގައި އޮތް މައްސަލައެއް ކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އާލްވީވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕާކިސްތާނަކީ ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށާ، ނަމަވެސް ޕާކިސްތާނުގެ މައްޗަށް އިންޑިއާއިން ހަނގުރާމައެއް ލާޒިމުކޮށްފިނަމަ، މި ހަނގުރާމައަކީ ހަމައެކަނި އެ ދެގައުމުގެ މެދުގައި ކުރެވޭނެ ހަނގުރާމައަކަށް ނުވާނެ ކަމަށާ، މުޅި ދުނިޔެއަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމަށާ، ބާކީ އޮތް ހަމައެކަނި ހައްލަކަށްވާނީ "ޖިހާދު"ކޮށްގެން ހައްލު ހޯދުން ކަމަށް ރައީސް އާލްވީ ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ ޖައްމުއާއި ކަޝްމީރުގެ މައްސަލާގައި އިންޑިއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ ދަނޑިވަޅެކެވެ.