ކުލަ ޖެހުމުގެ ނަމުގައި އަންހެނަކާ ބަދުއަހްލާގީ އަމަލު ހިންގައިފިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ މިއަދު 2:50 ހާއިރު ތ. ވޭމަންޑޫގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް އުމުރުން 31 އަހަރުގެ ފިރިހެނަކު 19 އަހަރުގެ އަންހެނަކާ މެދު ބަދު އަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވާއިރު، އީދު ކުޅިވަރު ކުޅުމުގެ ތެރެއިން ކުލަ ޖެހުމުގެ ނަމުގައި ވޭމަންޑޫގައި އުމުރުން 19 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައިގެން ގޮސް އެމްއެންޑީއެފްގެ މީހަކު އިސްވެ ހުރެ ރޭޕް ކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަން އެއްވެސް އިދާރާއަކުން ޔަގީންކޮށް ނުދިނަސް އެކަމުގައި ބައިވެރިވި ކަމަށް ބުނާ މީހާގެ ފޮޓޯވެސް ދަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ވޭމަންޑޫން ވާހަކަ ދެއްކި މީހަކު 'ދަ ޕްރެސް' އަށް ބުނީ، އެކަން ހިނގި ކަމަށާ އެ އަންހެން މީހާ މިހާރު ހުރީ ގޭގައި ކަމަށެވެ.

މީގެ އިތުރުން، ޝެއިހް އަލީ ޒައިދު ވަނީ އީދުގެ ނަމުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލާ ބައްދައި، ފާހިޝް ކުޅިވަރުތައް ކުޅުމުގައި ބައެއް މީހުން ހައްދު ފަހަނަ އަޅައި ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ޝެއިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި، ބައެއް ރަށް ރަށުގައި މިސްކިތުގެ ހަރިންމަ ތެރޭގައި ވެސް އީދު ކުޅިވަރުގެ ނަމުގައި އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލާ ބައްދައި، މިޒާތުގެ ނުބައި އަމަލު ހިންގާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ޝެއިހް ޒައިދު ވަނީ މައިންބަފައިން އެމީހުންގެ ދަރިންނަށް ހެޔޮ ނަސޭހަތް ދިނުމަށް އެދިވަޑައިގެންފައެވެ.