އައްޑޫގައި އަޅާ ފުލުހުންގެ އަސްކަރީ މަރުކަޒަކީ އައްޑޫގައި ދާއިމީކޮށް ދިފާއީ ބާރެއް ދަމަހައްޓަން ހިންގޭ ސިއްރު މަޝްރޫއެއް ތޯ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ސުވާލު އުފައްދަވައިފިއެވެ.

އަލީ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި، ބިން ކުޑަ އައްޑޫގައި ދިވެހި ސިފައިން ވިޔަސް ފުލުހުން ވިޔަސް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބިން ބޭނުން ކުރުމަކީ އައްޑޫ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އައްޑޫގައި އަޅާ ފުލުހުންގެ އަސްކަރީ މަރުކަޒާ ބެހޭ ގޮތުން އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތް ގޮތަށެވެ. މި އަސްކަރީ މަރުކަޒަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން 18 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިމާރާތް ކުރުމުގެ މަސައްކަތް ފެށި މަރުކަޒެކެވެ. އައްޑޫ ކުނިކޮށްޓާއި ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީހާ ދޭތެރޭ އޮތް ރަށެއް ވަރުގެ ބޮޑު ސަރަހައްދުގައި އަޅާ މި މަރުކަޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގަން ފެށި މަޝްރޫއެކެވެ.

ފުލުހުންގެ އަސްކަރީ މަރުކަޒާ ބެހޭގޮތުން ސުވާލު އުފައްދަމުން އަލީ ނިޒާރު ޓްވީޓް ކުރެއްވުމާ ގުޅިގެން އެ ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ބައެއް މީހުން ވަނީ، މިކަމާ ގުޅިގެން އަލީ ނިޒާރަށް ފާޑު ކިޔާފައެވެ. އެގޮތުން، އަލީ ނިޒާރު މަޖިލިސް މެންބަރު ކަމުގައި ހުންނަވައިގެން މި އަސްކަރީ މަރުކަޒާ ބެހޭ މައުލޫމާތު ސާފު ކުރެއްވެން އޮވެމެ، އެކަން ނުކޮށް މިއަދު އެ ވާހަކަ ދައްކަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަވަން ކަމަށް މީހަކު ބުނެފައިވެއެވެ.

އަލީ ނިޒާރަށް ފާޑުކިއުން އަމާޒު ކުރަމުން މީހަކު ވަނީ އަލީ ނިޒާރު މިއަދު މަޖިލީހަށް ހޮވި ވަޑައިގެންނެވި ނަމަ އެ ވާހަކަ ނުދައްކަވާނެ ކަމަށާ، މިހާ ދުވަހަށް މަޖިލިސް ގޮނޑި ހޫނު ކުރައްވަން އިންނެވި އިރު އެ ވާހަކަ ދެކެވިފައި ނުވާ ކަމަށް ބުނެފައެވެ. އަދި މިއަދު މިލިޓަރީ ބޭސް އަޅާ ނިމުމަކާ ގާތް ވެފައި ވަނިކޮށް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ގައުމު އަޅުވެތިކަމަށް މިސްރާބު ޖަހާފައި މިވާ ދަނޑިވަޅެއްގައި އައްޑޫ ރައްޔިތަކަށްވެ ހުރެ އަސްކަރީ މަރުކަޒަކީ އައްޑޫގައި ދާއިމީކޮށް ދިފާއީ ބާރެއް ދަމަހައްޓަން ހިންގޭ ސިއްރު މަޝްރޫއެއް ކަން އަލީ ނިޒާރަށް އިހުސާސް ކުރެއްވުނީތީ އުފާ ކުރާ ކަމަށް ވެސް މީހަކު ބުނެފައިވެއެވެ. ހަމަ އެއާއެކު އޭނާ ވަނީ މި އަސްކަރީ މަރުކަޒާ ބެހޭ އެއްވެސް ސިއްރެއް ނުވަތަ މައުލޫމާތެއް މިއަދުގެ ސަރުކަރުން އައްޑޫ ރައްޔިތުންނަށް ނާންގަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މިމަޝްރޫއާ މެދު ސުވާލު އުފެދި ކުރީ ސަރުކާރުގައި މަޑުޖެހުނެވެ.