ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ނިޒާމުގެ ސިޔާސަތު ވަނީ ރަނގަޅަށް ވެސް ފެއިލް ވެފައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާއިން ދެއްކުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އެކަމަށް ފާޑުވިދާޅު ވުމުންނެވެ.
އެމްއެމްއޭގެ ދިރާސާއާ ގުޅިގެން ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ ރައްޔިތުން އަޅުވެތި ކުރުވުމަށް ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުން އަޅުވެތިކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން، ދަރުމަވަންތަ ހޮސްޕިޓަލަކީ ހަމައެކަނި ހޮސްޕިޓަލެއް ނޫން ކަމަށާއި އެ ހޮސްޕިޓަލުގެ ފުރިހަމަ މަގުސަދު މި ސަރުކާރުން ހާސިލްކޮށްދެއްވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމަށް ރައްދު ދެއްވަމުން ޝިފާއު ވިދާޅުވީ، އެމްއެމްއޭގެ ދިރާސާއިން ރައީސް ޔާމީންގެ ސިއްހީ ނިޒާމުގެ ސިޔާސަތު ފެއިލް ވެފައިވާ ކަމާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި ހިނގި ބޮޑު ވައްކަމުން އާންމު ދިވެހި ރައްޔިތު މީހާއަށް ލިބުނު ލުޔެއް ފަސޭހައެއް ނެތް ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރުގެ އޯފް-ޕީކް ސީޒަންގައި 42 ޕަސެންޓް މީހުން ބޭސްފަރުވާ އަށް ދިޔަ އިރު ޕީކް ސީޒަންގައި ވެސް ބޭސްފަރުވާ އަށް 41 ޕަސެންޓް ދަތުރު ކުރި ކަމަށް އެމްއެމްއޭގެ ސާވޭ އިން ދައްކައެވެ. މި ސާވޭ އިން ދައްކާ ގޮތުން އެންމެ ގިނަ ދިވެހިން ދަތުރު ކުރަނީ، ބޭސްފަރުވާ އާއި ޗުއްޓީ ހޭދަކުރުމަށެވެ. ޕީކް ސީޒަންގައި ޗުއްޓީ އަށް 41 ޕަސެންޓް ދިޔަ އިރު އަހަރުގެ މެދުތެރޭގައި އަންނަ އޯފް-ޕީކް ސީޒަންގައި ޗުއްޓީ އަށް ދިޔައީ 29 ޕަސެންޓެވެ.