ލިފްޓް ނެތް ގެއެއްގެ 5 ވަނަ ފަންގިފިލާއިން ބަލި މީހަކު ބޭލުމަށް އެސްއޯ ފުލުހުން އެހީވެދީފިއެވެ.

ފުލުހުން ބުނީ މިއަދު މާލޭގެ 5 ވަނަ ފަންގިފިލާއިން ބަލި މީހަކު ބޭލުމަށް އެހީތެރިވެ ދިނީ އެމީހާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ކަމަށެވެ. އަދި ބައެއް ފަހަރު ސްޓްރެޗާ ބޭނުން ކުރިއަސް މިފަހަރު ސިޑިގޮޅި ހަނިކަމުން ބޭނުން ކުރަން ޖެހުނީ ގޮނޑި އެއް ކަމަށާއި ކޮންމެ ހާލެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި ތިބޭނެ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މީގެ ކުރިން ވެސް ފުލުހުންގެ އެސްއޯ ޓީމަކުންވެސް ވަނީ މާލޭގެ ގެއެއްގެ 8 ވަނަ ފަންގި ފިލާގައި އޮތް ބަލިމީހަކު ސިޑިން ބާލައި އެމްބިއުލާންސަށް އެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ފައެވެ. މިކަމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ ފުލުހުން ކުރާ މަސައްކަތަށް ތައުރީފު ކޮށްފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ ގެއެއްގެ 8 ވަނަ ފަންގިފިލާގައި ފިޓު ޖެހިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް އެހީ ފޯރުކޮށްދީފައި ވެއެވެ. އެގޮތުން، އޭނާ 8 ވަނަ ފަންގިފިލާއިން ސިޑިން ބާލާފައިވާއިރު، މިކަމާ ގުޅޭގޮތުން އާންމުން ވަނީ އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކޮށްދިން ހިދުމަތަށް ތައުރީފު ކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިފަދަ ކަންކަމުގައި އަވަސް ފަރުވާ މުހިންމު ކަމަށެވެ. އެހެން ކަަމުން ފިޓު ޖެހުން ފަދަ ނުރައްކާތެރި ކަމަކަށް ލަހުން ފަރުވާ ލިބުމަށް ވުރެ ވީ އެންމެ އަވަހަކަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން މުހިންމު ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.