ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މިހާރު ކުރަމުން މި ދާ ވިއްސާރައިގައި އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށެވެ. މީގެ އިތުރުން ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުފޯރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މޫސުން ލަފާ ކުރާގޮތުގައި ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރާއިރު އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ގޮސްފައިވާ މި ދުވަސްވަރު ދަތުރު ފަތުރުކޮށް އުޅޭ އިރު އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސް ވުމުގެ ސަބަބުން ކަނޑުމަތީގެވެސް އެތައް ހަދިސާއެއް ވަނީ ހިނގާފައެވެ.
އެގޮތުން، ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގައި ފެން ބޮޑުވެ، އެމްއެންޑީއެފްގެ ސިފައިން އަދި ފުލުހުން ދަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން ވެލި ބަސްތާ ޖެހުން ފަދަ ކަންތައް ކުރަމުންދާ އިރު، އެރުށުގެ 4 ގެއަކަށް ވަނީ ފެން ވަދެފައެވެ.
މީގެ އިތުރުން، ރޭ ފަތިހު 5:35 ހާއިރު، ޅ. ކުރެއްދު އައިލެންޑް ރިސޯޓްގެ "މުނާ" ނަމަކަށް ކިޔާ ޔޮޓެއް ޅ. ދިއްފުށިމާދޫ ބޭރުގައި އަޅާއިފައި އޮއްވައި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ވަނީ އެރަށު ފަރަށް އަރާފައެވެ. ޔޮޓު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ޔޮޓުގައި ތިބީ 4 ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ކުރިމަތިވަމުން އަންނައިރު، އީދުގެ ފުރަތަމަ ދުވަހު ކަނޑުމަތީގައި މީހުން ހާލުގައި ޖެހުމާއި މީހުން ގެއްލުން އަދި ގޭގޭގެ ފުރާޅު ވަޔާ އެއްލައިގެން ދިއުންމާއި ގަސްތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.