ދުނިޔޭގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނި ގޫގްލްގެ ސާޗް އިންޖިންގެ ހޯމްޕޭޖު، ޕާކިސްތާނުގެ މިނިވަން ދުވަހަށް ހާއްސަކޮށްފިއެވެ.

އެކި ގޮތްގޮތުން ފާހަގަކުރެވޭ މުނާސަބާތަކާ ގުޅުވައިގެން ގޫގްލްގެ ހޯމްޕޭޖަށް ގެންނަ ފަންނުވެރި ބަދަލުތަކުގެ ތެރެއިން މިފަހަރުގެ ގޫގްލް ހޯމްޕޭޖުގެ ޑޫޑްލް ހާއްސަކޮށްފައިވަނީ، ޕާކިސްތާނުގެ މިނިވަންކަމުގެ ތާރީހާ ގުޅިފައިވާ ޕެޝާވަރުގެ ޚައިބަރު ޕާސްއަށެވެ.

މިއަދު ފާހަގަކުރަމުންދާ ޕާކިސްތާނުގެ 73 ވަނަ ދުވަހުގެ މުނާސަބާ އެ ގައުމުން ހާއްސަކޮށްފައިވަނީ ކަޝްމީރުގެ ރައްޔިތުންނާއެކުގައި ޕާކިސްތާނު އޮންނަ ދުވަހުގެ ގޮތުގައެވެ. އެއީ، އިންޑިއާއާއި ޕާކިސްތާނުން ވެސް އެސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރާ ޖައްމުއާއި ކަޝްމީރުގެ އިންޑީއާއާއި ވީ ފަޅިއަށް އަމާޒުކޮށް އިންޑިއާގެ ސަރުކާރުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން، ކަޝްމީރުގެ ރައްޔިތުންނާއެކު ޕާކިސްތާނު އޮތްކަން އަންގައިދިނުމަށް ނިންމާފައި ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީއީ މިފަދަ ކަމަކާ ގުޅުވައިގެން ޕާކިސްތާނަށް ހާއްސަކޮށްގެން ގޫގްލްއިން ޑޫޑްލް ތައާރަފުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ޕާކިސްތާނަށް ނިސްބަތްވާ، ތާރީހީ ގިނަ ފަންނުވެރިންތަކެއްގެ ހަނދާނުގައި، އެ ފަންނުވެރިންގެ އުފަންދުވަސްތަކާ ދިމާކޮށް ގޫގްލް ޑޫޑްލްއަށް ބަދަލުގެނެސްފައިވެއެވެ.