ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވާކުގެ ގޮތުގައި ސިފަކުރަމުން އަންނަ ފޭސްބުކް މެދުވެރިކޮށް ބަދަލުކުރާ އޯޑިއޯ މެސެޖުތަކުގައި އެކުލެވޭ މައުލޫމާތު ޓްރާންސްކްރައިބު ކުރުމަށް ބޭރުގެ ކޮންޓްރެކްޓަރުންނަށް ފޭސްބުކް ކުންފުނިން ފައިސާ ޚަރަދުކުރާ ކަމަށް ބުނާ ތުހުމަތުތަކެއް ފެންމަތި ވެއްޖެއެވެ.

ޓްރާންސްކްރައިބް ކުރުމަކީ އޯޑިއޯއެއްގައި އެކުލެވޭ އިބާރާތްތައް ބަހުން ބަހަށް ލިޔުމެވެ.

ވިޔަފާރިއާއި ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސް ދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްލޫމްބާގް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފޭސްބުކް އިންކޯޕަރޭޝަން އިން ދަނީ، އޯޑިއޯ މެސެޖުތައް ޓްރާންސްކްރައިބް ކުރުމަށް، ކުންފުނިން ބޭރުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދެމުންނެވެ.

އެއީ އެކުންފުނިން ކުރި ކަމެއް ކަމަށާ، ނަމަވެސް މިހާރު އެކަން ނުކުރާ ކަމަށް ފޭސްބުކް އިންކޯޕަރޭޝަންއިން އިއުތިރާފު ވިކަމަށް ބްލޫމްބާގް އިން ބުނާ އިރު، މިކަމާ ބެހޭ ގޮތުން އިތުރަށް ކޮމެންޓް ކުރުމަށް ފޭސްބުކް އިންވަނީ އިންކާރު ކޮށްފައެވެ.

ފޭސްބުކްއިން ހިންގި މި އަމަލުގެ ޝިކާރައަކަށްވި މީހުންނަކީ، ފޭސްބުކްގެ މެސެންޖާގެ އެޕްލިކޭޝަން މެދުވެރިކޮށް އޯޑިއޯ ކުލިޕު ފޮނުވާ އިރު ޓްރާންސްކްރައިބް ކުރުމަށް އިޒުނަ ދިން މީހުން ކަމަށާ، ކޮންޓްރެކްޓަރުން ކުރި ކަމަކީ، ފޭސްބުކްގެ އާޓިފިޝަލް ޓެކްނޮލޮޖީގެ ގާބިލިއްޔަތުކަން ވަޒަން ކުރުން ކަމަށް ވެސް ބްލޫމްބާގް އިން ވަނީ ބުނެފައެވެ.

ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ސިއްރިއްޔާތަށް އެކުންފުނިން އެކަށީގެންވާ ގޮތެއްގައި އިހުތިރާމް ނުކުރާ ކަމަށް ބުނެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް މިހާރުވެސް ދަނީ ބަލަމުންނެވެ.