މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

އެގޮތުން، ކުރިއަށް އޮތް 24 ގަޑި އިރު ތެރޭ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މެލާއި 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޅ. ނައިފަރުގައި ފެން ބޮޑު ވެފައި / ފޮޓޯ: އެމްއެންޑީއެފް

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، މޫސުން ގޯސް ވުމުގެ ސަބަބުން ޅ. އަތޮޅުގައި ވަނީ ދެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން، ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގައި ފެން ބޮޑުވެ، އެމްއެންޑީއެފްގެ ސިފައިން އަދި ފުލުހުން ދަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން ވެލި ބަސްތާ ޖެހުން ފަދަ ކަންތައް ކުރަމުންދާ އިރު، އެރުށުގެ 4 ގެއަކަށް ވަނީ ފެން ވަނދެފައެވެ.

މީގެ އިތުރުން، ރޭ ފަތިހު 5:35 ހާއިރު، ޅ. ކުރެއްދު އައިލެންޑް ރިސޯޓްގެ "މުނާ" ނަމަކަށް ކިޔާ ޔޮޓެއް ޅ. ދިއްފުށިމާދޫ ބޭރުގައި އަޅާއިފައި އޮއްވައި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ވަނީ އެރަށު ފަރަށް އަރާފައެވެ. ޔޮޓު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ޔޮޓުގައި ތިބީ 4 ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ޅ. ދިއްފުށިމާދޫ ފަރަށް "މުނާ" ޔޮޓު އަރާފައި / ފޮޓޯ: އެމްއެންޑީއެފް

މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ކުރިމަތިވަމުން އަންނައިރު، އީދުގެ ފުރަތަމަ ދުވަހު ކަނޑުމަތީގައި މީހުން ހާލުގައި ޖެހުމާއި މީހުން ގެއްލުން އަދި ގޭގޭގެ ފުރާޅު ވަޔާ އެއްލައިގެން ދިއުންމާއި ގަސްތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.