ވިލިމާލޭ މޫދުގައި ކެނޯ އެއްގައި އުޅުނު ދެމީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ އެ ދެމީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5 ޖެހި އިރު ކަމަށާ ގެއްލިގެން އުޅެނީ 2 ފިރިހެނުން ކަމަށެވެ. އެތަނުން އެކެއްގެ އުމުރަކީ 20 އަހަރެވެ. ދެވަނަ މީހާގެ އުމުރަކީ 33 އަހަރެވެ.

ފުލުހުންނަށް މައުލޫމާތު ލިބުނީ ހަވީރު ކަމަށް ބުނި ނަމަވެސް އެމްއެންޑީއެފުން ބުނީ އެފަރާތަށް އެ މައުލޫމާތު ލިބުނީ މިރޭ 20.54 ގައި ކަމަށެވެ. ކަނޑުގެ ހާދިސާތަކާ ގުޅޭ ކަންކަމުގައި ކޯސްޓްގާޑަށް އެހާ ލަހުން މައުލޫމާތު ލިބުމުން ސުވާލު އުފެދޭ އިރު އެމީހުން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ދެމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑުގެ މާލޭ އޭރިޔާގެ ފާސްޓާ އިންޓަސެޕްޓާ ކުރާފްޓް، ވެލާނާ ލޯންޗް ދަނީ ބޭނުން ކުރަމުންނެވެ. އަދި ނައިޓް ވިޝަން ބޭނުން ކުރަމުން ކަނޑުގެ ސާފަސް އޭރިޔާ ބަލަމުން ދާކަމަށް އެމްއެންޑީއެފުން ދާދި ދެންމެ ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު މޫސުން ގޯށްވެ، ވައި ބަރުވެފައި ވުމުން މެދުރާއްޖެތެރޭގެ ރަށްތަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

ސަލާމަތީ ބާރުތަކުންނާއި މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރަމުން ދަނީ މި މޫސުމުމުގައި ރައްކާތެރިކަމަށް ބަލައިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށެވެ.