އީދު ދުވަހާ ގުޅިގެން ވެހިކަލް ނުދުއްވާ ގޮތަށް ހަމަޖެއްސި ވަގުތު ހަވީރު 4:30 އިން ފެށިއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ މިއަދު ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކަމަށެވެ. އަދި ބުނީ ވެހިކަލް ދުއްވަން މަނާ ގަޑީގައި މާލެ އަދި ވިލި މާލޭގައި އެއްވެސް ވެހިކަލެއް ދުއްވާ ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ހަވީރު ވެހިކަލް ދުއްވުން މަނާކުރަން ނިންމީ މީގެކުރިން ވެސް އެ ކައުންސިލުން އެކިއެކި ދުވަސްތައް ފާހަގަ ކުރުމަށް މާލޭގެ މަގުތައް ކުޑަ ވަގުތުކޮޅަކަށް އިންޖީނުލީ ދުއްވާ ވެހިކަލްތައް ދުއްވުން މަނާކުރުމުން، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާތީ ކަމަށެވެ.

މިއަހަރުގެ ފިތުރު އީދުގައިވެސް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކުރިއެވެ. އަދި ދާދިފަހުން ހިންގި ބައެއް ހަރަކާތްތަކާއި ގުޅިގެންވެސް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓުން ވަނީ ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފައިވަނީ މިއަދު، ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލާންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެއެވެ.