ހުޅުމާލެ ފިޔަވަތިން ފިލައިގެން ދިޔަ 7 ކުއްޖަކު ހޯދައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 7:10 ހާއިރު ފިޔަވަތިން 7 ކުއްޖަކުން ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ، ފިޔަވަތިން ފިލައިގެން ދިޔަ 7 ކުދިން، ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުރި ފެންސެއްގެ މައްޗަށް އަރާ ތިއްބާ އަނބުރާ ފިޔަވައްޗަށް ހަވާލު ކޮށްފައެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހުވެސް ފުލުހުން ވަނީ ހުޅުމާލޭ ކުޑަކުދިންގެ ހިޔާގެ ފާރު މައްޗަށް އަރާ އުޅުނު ކުދިންތަކެއް އެތަނުން ބާލުވާފައެވެ. މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ މިފަދަ ހާދިސާތަކަކީ މަދުން ނަމަވެސް ހިގަމުންދާ ހާދިސާތަކެއް ކަމަށާ، މިފަދަ ހާދިސާތަކެއް ހުއްޓުވުމަށް އަދި ތަކުރާރުވިޔަ ނުދިނުމަށް، މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނެފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހިޔާގައި ތިބޭ ކުދިންތަކެއް ފާރު މައްޗަށް އަރާތިބި ފޮޓޯތައް ދައުރު ވެފައި ވާއިރު، މީގެ ކުރިންވެސް ވަނީ ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަ ކުއްޖަކު ގެއްލިފައެވެ. އަދި މިކަމުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.