އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓެއް، އިއްޔެ ޝަންގްރިލާ ރިސޯޓު ކައިރިއަށް ކަނޑަށް ވެއްޓުނީ ނޫން ކަމަށާއި އިންޖީނު ފެއިލް ވުމުގެ ސަބަބުން ކަނޑަށް ޖެއްސީ ކަން ހާމަ ވެއްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ 4:30 ގައި އައްޑޫ ފްލައިން ސްކޫލްގެ ފްލައިޓެއް އިންޖީނު ފެއިލް ވެގެން ޝަންގްރިލާ ކައިރިއަށް ކަނޑަށް ވެއްޓިފައި ވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގައި އޭވިއޭޝަނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ގެނެސްދޭ، އޭވިއޭޓާސް މޯލްޑިވްސް އިން ބުނި ގޮތުގައި، ފްލައިޓް ވެއްޓުނީ ނޫން ކަމަށާއި، ފްލައިޓްގެ އިންޖީނު ފެއިލްވުމުން ކާމިޔާބު ކަމާއެކު މޫދަށް ޖެއްސީ ކަމަށެވެ. އަދި މަތިން ދުއްވަމުންދާ ބޯޓެއްގެ އިންޖީނު ފެއިލްވެ، ރަންވޭއަކާ ހަމައަށް ދިއުމުގެ ފުރުސަތު ނެތުމުން މޫދަށް ޖެއްސެން އޮވެއްޖެ ނަމަ ޖެއްސާނެ ކަމަށެވެ.

ފުލައިން ސްކޫލް ބޯޓު ޖެއްސި ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

މި ބޯޓު 'ކްރޭޝް ލޭންޑް' ކުރި އިރު އޭގައި ފުލައިން ސްކޫލްގެ ދަރިވަރަކާއި، އިންސްޓްރަކްޓަރެއް ތިއްބެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި އެ ދެމީހުން ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯނީގެ އެހީގައި ރިސޯޓަށް ގެންގޮސްފައި ވެއެވެ. އަދި އެ ބޯޓު މިހާރު އޮތީ ޝަންގްރިއްލާ ރިސޯޓް ކައިރީ 8.6 މީޓަރު ކަނޑު އަޑީގައެވެ.

މީގެ އިތުރުން އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އިއްޔެ އިންޖީނު ފެއިލްވި ބޯޓަކީ 2015 ވަނަ އަހަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓު ކަމަށެވެ. އަދި އެ ހާދިސާގައި ވެސް ބޯޓުގައި އިން ދެ މީހުންނަށް އަދި ބޯޓަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބި، ސަލާމަތް ވެފައިވާ ކަމަށް އޭވިއޭޓާސް އިން ބުނެއެވެ.