ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު ސްކޫލް ކުރިމަތީގައި ދަނޑިފަނުން ހަދާފައިވާ ގެތަކެއް ރޯކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 3:08 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެ ސަރަހައްދަށް ގޮސް، އާންމުންގެ އެހީތެރިކަމާ އެކު ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލައި ފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު މި ހާދިސާގައި އަލިފާން ރޯވި ގެތަކުގެ ތެރެއިން އެއްގެ ފިޔަވައި އެހެން ހުރިހާ ގެއެއް އަންދާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގދ. އަތޮޅު ސްކޫލް ކުރިމަތީގައި ދަނޑިފަނުން ހަދާފައިވާ ގެތަކެއް ރޯވެ އަދަމުން ދަނީ / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވިއަސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ބަލާލައިރު، މިދިޔަ ހޮނިހިރު ދުވަހު، ހ. ޓެންސްޓާގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް އަލިފާން ކަންޏެއް ގޮސް އެ ގޭގައި އޮތް ގޮދަޑިއެއްގައި ޖެހިގެން އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން، މި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމުގެ ތެރޭގައި ޓެންސްޓާގޭގެ ކަރަންޓު ބޯޑުތަކަށް ފެން އެޅުމުގެ ސަބަބުން އެގެއިން ކަރަންޓު ކެނޑިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްސީ)ގެ އޮފިޝަލަކު "ދަޕްރެސް" އަށް މައުލޫމާތު ދެމުން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން އެ ގޭގެ 16 މީހަކަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްސީން ބުނެފައުވާއިރު، މި މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން އެ ފަރާތްތަކުގެ ކެއުން ބުއިމުގެ އިންތިޒާމު ވެސް އެންޑީއެމްސީގެ ފަރާތުން ހަމަޖައްސާފައެވެ.