މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން 6 ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފިއެވެ.
މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން އިއްޔެ 6 ޑްރައިވަރުން ޖޫރިމަނާ ކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއް ނަގައި ދަތުރު ކުރަމުން ދާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުންނެވެ.
ފުލުހުންގެ ޓްރެފިކް ފޮލިހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއްގައި ޓެކްސީ ކުރަމުން ދާ ފަރާތްތަކަށާއި، ރޯޑް ވާދިނެސްގެ މިންގަނޑަށް ފެތޯތޯއާއި، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވާ އުޅަނދެއްތޯ ބަލެމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަަގުތަކުގެ ތެރޭގައި، މާލެއާއި ހުޅުލެ އާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 60 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެއާއި، އަދި ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 75 ރުފިޔާއެވެ. މާލެ އާއި ހުޅުމާލޭގެ އެތެރޭގައިކުރާ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. މި އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީގެ ޑިކީއަށް އަރުވާ ލަގެޖްގެ އަގުވެސް ހިމެނޭ ގޮތަށެވެ. އެހެން ކަމުން ޑިކީއަށް ލަގެޖް އެރުވިޔަސް މި އަގުތަކަށް ވުރެ އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ.
ޓެކްސީ ދަތުރުތަކުގެ އަގަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހެވެ.