ހައްޖު ކޯޓާ ހަމަޖެހުނު ބިދޭސީންގެ ތެރޭގައި މަލީޝާ ގްރޫޕުން ފައިސާ ނަގާ އޮޅުވާލި މީހަކު ވެސް ހިމެނޭ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާއިން ކޯޓާ ހަމަޖެހުނު ބިދޭސީންގެ ތެރޭގައި މަލީޝާ ގްރޫޕުން ފައިސާ ނަގާ، ހައްޖަށް ނުފޮނުވާ އޮޅުވާލާފައިވާ ފަރާތަކާއި، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން ހައްޖަށް ފޮނުވަން އޮންނަ އުސޫލުގެ ތެރެއިން ގްރޫޕްތަކުން ޖާގަ ހޯދައިގެން ދިޔަ މީހުން ހިމެނޭ ކަމަށެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާއިން ބިދޭސީންނަށް ކޯޓާ ދިން ކަމަށް ބުނެ ސޯޝަަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ސާފުކޮށްދެމުންނެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިޔައީ ފަސް ކުންފުންޏެއްގެ އިތުރުން ހައްޖު ކޯޕަރޭޝަނުންނެވެ. މި ކުންފުނިތަކުގެ ތެރޭގައި، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގުރޫޕް، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މީގެ އިތުރުން، މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ހައްޖަށް ފުރި ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.