ހޮންގްކޮންގްގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހަފުތާ ބަންދާ ދިމާކޮށް އިތުރަށް ވަރުގަދަ ކޮށްފައި ވާއިރު، މިކަން މި ގޮތުގައި ދެމިއޮންނަން ވެއްޖެނަމަ ދިގުމުއްދަތަކަށް ދެމިގެންދާނެ އިގުތިސޯދީ އަނދަވަޅަކަށް ކުށްލި ގޮތަކަށް ވެއްޓިދާނެ ކަމަށް، ހޮންގްކޮންގުގެ ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ލީޑަރު ކެރީ ލޭމް ވިދާޅުވުވެއްޖެއެވެ.

ޗައިނާއަށް އާދަޔާ ހިލާފު ބާރުތަކެއް ލިއްބައިދޭ ގޮތަށް ހޮންގްކޮންގްގައި ތަންފީޒު ކުރުމަށް މަސައްކަތްކުރާ އުސޫލުތަކެއްގެ ސަބަބުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަދިވެސް ވަނީ ގަދައެވެ. ވަކި ހައްދެއްގެ ތެރެއިން މިނިވަންކަން ލިބި، ޗައިނާއަށް މިލްކުވެރިކަން އޮންނަ ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ، މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ދިގުމުއްދަތުގައި ހިތާމަ ކުރަންޖެހޭ އިގުތިސޯދީ ކާރިސާއަކަށް ކުރިމަތިލާންޖެހިދާނެ ކަމަށް، އޭނާ ބައްދަލުކުރެއްވި ވިޔަފާރިވެރިން ފާހަގަކުރި ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އިގުތިސޯދީ "ސުނާމީ"އެއް އުފެދިދާނެ ކަމަށް ވިޔަފާރިވެރިއަކު ފާހަގަކުރި ކަމަށްވެސް ކެރީ ލޭމް ވަނީ ވިދާޅުވެފައެވެ.

ގައިދީން ޗައިނާއަށް ބަދަލުކޮށްގެން ހުކުމް އިއްވާ ތަންފީޒު ކުރެވޭ ގޮތަށް ހޮންގްކޮންގްގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބިލަށް ތާއީދުކުރައްވާފައިވާ ކެރީ ލޭމް ވިދާޅުވީ، މިފަހަރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ އިގުތިސޯދީ ހީނަރުކަމަކީ، 2003 ވަނަ އަހަރު ފެތުރިގެންދިޔަ "ސާޒް" ރޯގާއާއި 2008 ވަނަ އަހަރު މާލީ ހީނަރުކަމުގެ ކާރިސާގެ ދުވަސްވަރު އެ ސިޓީއަށް ކުރިމަތިވި ހީނަރުކަމަށްވުރެ ބޮޑު ތަކުލީފެއް އުފުލަންޖައްސާނެ ހީނަރުކަމަކަށް ވެގެންދާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންވަނީ ހޮންގްކޮންގްގެ މައި އެއާޕޯޓެއް ހިސޯރުކޮށް، އެ ސިޓީގެ މިނިވަންކަމަށް ގޮވާލާ، އެކި ކަހަލަ ހަރަކާތްތައް އެތަނުގެ ތެރޭގައިވެސް ހިންގަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކަކުން މިހާރު ވަނީ ހޮންގްކޮންގްއަށް ދަތުރުކުރުމާ ދެކޮޅަށާ، އެ ސަރަހައްދަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލާ ޓްރެވެލް އެޑްވައިޒަރީތަކެއް ނެރެ، ތަންފީޒުކުރަން ފަށާފައެވެ.