ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާ، އީދު ނިމެންދެން ޖާގަ ފުލްވެއްޖެއެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވާ މިއަދު ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. މިއާއެކު ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓު މިހާރު ވަނީ އާންމު ދަތުރުތަކަށް ހުޅުވާލާފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި މިވަގުތު ހުރީ ރަންވޭއަކާއި ޓާމިނަލްއެއް އެކަންޏެވެ. އެތަނުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް އަދި ނެތުމުން، އޭޓީސީގެ ހިދުމަތް ދެނީ ކައިރީގައި އޮންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށި އިރު، ރަންވޭގައި ޖަހަން ޖެހޭ ލައިޓްތައް އަދި ހަރު ނުކުރެއެވެ. އެހެންކަމުން ރޭނގަނޑުގެ ދަތުރެއް ކުޅުދުއްފުށްޓަށް އަދި ނުކުރާނެއެވެ. މީގެ އިތުރުން ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކޮށް، ޓާމިނަލް ފެސިލިޓީސްވެސް އިތުރަށް ރަނގަޅުކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މިކަންކަން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެންނެވެ. ނަމަވެސް ކުރިން ކުރެވެން ހުރި ކަންކަން މިއަހަރުގެ ބަޖެޓުން ވެސް ކުރެވޭތީ މަސައްކަތް ކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.