ޝަންގްރިއްލާ ކައިރިއަށް ވެއްޓުނު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ބޯޓު އޮތީ ކަނޑުގެ 8.9 މީޓަރުގެ އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ބޯޓެއް ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓުނީ މިއަދު ހަވީރުއެވެ.
މި ބޯޓު ވެއްޓުނު އިރު އޭގައި ފުލައިން ސްކޫލްގެ ދަރިވަރަކާއި، އިންސްޓްރަކްޓަރެއް އިނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި އެ ދެމީހުން ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯނީގެ އެހީގައި ރިސޯޓަށް ގެންގޮސްފައިވެއެވެ. ބޯޓު ވެއްޓުނީ އޭގެ އިންޖީނު ހުއްޓިކަމަށް މިހާތަނަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ ފުލައިޓް ވެއްޓުނު ހިސާބުގައި އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޝަންގްރިއްލާ ކައިރިއަށް ބޯޓު ވެއްޓުމާއެކު، އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. ފުލުހުން ބުނީ ދަރިވަރަށާއި އިންސްޓްރަކްޓަރަށް މި ހާދިސާގައި އަނިޔާ ނުވާ ކަމަށެވެ.
އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ތަމްރީނުތަކަށް ބޭނުންކުރާ ފުލައިޓްތައް ވެއްޓުމުގެ ހާދިސާތައް މަދުމަދުން ނަމަވެސް ދިމާވެއެވެ. ނަމަވެސް މިފަދަ ހާދިސާއެއްގައި އެއްވެސް މީހަކަށް މިހާތަނަށް ބޮޑު އަނިޔާއެއް ވެފައި ނުވެއެވެ.