މަޝްހޫރު އެޕަލް ކުންފުނީގެ ސްމާޓްފޯނުތައް ކަމަށްވާ އައިފޯނުތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަން އެޕަލްއަށް އަންގައިދީފިމަ 1 މިލިއަން ޑޮލަރާ ހަމައަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު، އެކުންފުނިން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ސައިބާސެކިއުރިޓީގެ ރޮނގުން ދިރާސާތައް ކުރަމުންދާ ފަރާތްތަކަށެވެ. މިއީ ހެކަރުންނާ ދެކޮޅަށް އެޕަލް ކުންފުނިން ކުރަމުންދާ މަސައްކަތަކަށް ވާއިރު، މިއީ މިފަދަ ކަމަކަށް ކުންފުންޏަކުން ހުށަހަޅާފައިވާ އެންމެ އަގުބޮޑު ފައިސާގެ އިނާމެވެ.

އެޕަލް އިން މީގެ ކުރިން މިކަންކޮށް އުޅުނީ އެކުންފުނިން ދައުވަތު ދޭ ތަޖުރިބާކާރުން ބައިވެރިކޮށްގެންނެވެ.

އެޕަލް ކުންފުނިން ބުނީ 1 މިލިއަން ޑޮލަރުގެ ހައްގުވެރިއަކީ ފޯނުގެ ހަގީގީ ޔޫޒާގެ އެހީއާއި ނުލާ، ފޯނުގެ އެންމެ އެތެރެއަށް ފީނުމެވެ. މި މަސައްކަތް ކުރާ ފަރާތުން ހެކް ކުރަންޖެހެނީ، ސަލާމަތީ ބައެއް ފިޔަވަޅުތައްވެސް ނާޅާ އޮންނަ އައިފޯނެކެވެ.