ޕާކިސްތާނުގެ އެއްވެސް ސިނަމާއެއްގައި އިންޑިއާގެ ފިލްމީ އުފެއްދުމެއް ސްކްރީން ނުކުރުމަށް ނިންމާފައިވާކަމަށް، ޚަބަރާ މައުލޫމާތު ފެތުރުމުގެ ރޮނގުން ޕާކިސްތާނުގެ ބޮޑުވަޒީރަށް ލަފާއަރުވާ ހާއްސަ މުޝީރު، އާޝިގު އަވާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުން މީގެ ކުރިންވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައައެވެ.

ޕާކިސްތާނުގެ ސިނަމާތަކުގައި، އިންޑިއާގެ އުފެއްދުންތައް ނުދެއްކުމަށް ނިންމާފައި މިވަނީ، ޕާކިސްތާނާ އިންޑިއާއިންވެސް އެ ބިމެއްގެ މިލްކުވެރިކަމަށް ދައުވާ ކުރަމުން އަންނަ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނުތަކަށް ގެނައި ބަދަލާ ގުޅިގެން، އެ މައްސަލާގައި އުފެދިފައިވާ ދޭދޭ ދެބަސްވުންތަކުގެ ތެރޭގައެވެ.

މިމައްސަލާގައި ޕާކިސްތާނުންވަނީ އިންޑިއާއާއިއެކު ކުރާ ވިޔަފާރީގެ ހުރިހާ މުއާލަމާތެއް ހުއްޓާލާ، ބައެއް ރޭލު ދަތުރުތައްވެސް މެދުކަނޑާލާފައެވެ.