މަޖީދީމަގުގެ ކަފިހި ހުރަހަކުން މަގު ހުރަސް ކުރަން އުޅުނު ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހުުމުގެ ސަބަބުން އަންހެން ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވެ، އޭޑީކޭގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އަނިޔާވި އަންހެން ކުއްޖާއަކީ 17 އަހަރުގެ އަންހެން ކުއްޖެ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ މިރޭ 20:14 އެހާކަށް ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަންހެން ކުއްޖާއަށް އޭޑީކޭގެ އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ އަންހެން ކުއްޖާގެ މޭ ކަށިގަނޑާއި އުނަގަނޑަށް ތަދުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މެޔަށް ތަދުވާތީ އަންހެން ކުއްޖާ ނޭވާލުމަށް އުނދަގުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަންހެން ކުއްޖާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލެއަކީ މަގު ހުރަސް ކުރާ މީހުންނަށް ބެލުމެއް ނެތި އަދި ދުއްވާ މީހުނަށް ބެލުމެއް ނެތި މަގު ހުރަސް ކުރާ މީހުން، އެކަން ކުރުމުގެ އާދަ ހިފާފައި އޮތް ރަށެކެވެ.