ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމުގެ ބައިވެރިވި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއްސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޟްވާން ގެއްލުވާލުމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ރިޟްވާން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ކުރިމަތިން ވަޅިން ބިރު ދައްކައި އޭނާ ރަހީނުކުރުމަށް ފަހު، ދެން އޭނާއަށް ހެދި ގޮތެއް އަދި ކޮމިޝަނަށް ހޯދިފައި ނުވިއަސް އެކަން އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޟްވާން ގެއްލުވާލުމުގެ ހަގީގަތް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާއިރު، ރިޟްވާން އަށް ވީގޮތެއް އޭނާގެ އާއިލާއަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ ކޮމިޝަނުގެ ރައީސް ސުއޫދު ދެކިލައްވައެވެ. އެގޮތުން ސުއޫދު ވަނީ ރިޟްވާންއާ ބެހޭ ގޮތުން އެ ކޮމިޝަނަށް އެނގޭ މައުލޫމާތުތައް މީގެ ދެ ހަފްތާ ކުރިން އޭނާގެ އާއިލާއަށް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި މީގެ ކުރިން ދެ މީހަކަށް ދައުވާކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވިއެވެ. ރިޟްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ރިޟްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި މައްސަލަ ދަނީ ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ.