ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.

މި ދެމީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާއަކީ އިއްޔެގެ ހަވީރު 4:26 ގައި ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެކެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސުން އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނުމާ ގުޅިގެންނެވެ. އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރެވެ.

އަދި 42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން، ރޭ 10:35 ހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.