ޒަމާންވީ ޖައްމުއާއި ކަޝްމީރުގެ މައްސަލަ އަނެއްކާވެސް ހޫނުވެފައިވަނިކޮށް، އިންޑިއާއާ ވީ ފަޅިން، ޕާކިސްތާނުގެ އިރުމަތީ ފަރާތުގެ ވައިގެ ސަރަހައްދު ބަންދުކުރުމަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމާ، އެކަން ތަންފީޒު ކުރަން ފަށައިފިއެވެ.

މިކަމުގެ އަސަރު، އިންޑިއާއާއި ޕާކިސްތާނު މަގުން ދަތުރުކުރަން ހަމަޖެހިފައި އޮންނަ 9 ރޫޓުގެ ތެރެއިން 3 ރޫޓަކަށް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ މިއަހަރު ތެރޭގައި ޕާކިސްތާނުން މިފަދަ ފިޔަވަޅެއް އެޅި 2 ވަނަ ފަހަރެވެ. ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ބޮޑެތި ގުޅުންތަކެއް ކަނޑާލުމަށް ޕާކިސްތާނުން ނިންމާފައިވާއިރު ވައިގެ ސަރަހައްދު ބަންދު ކުރުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، އާދީއްތަ ފިޔަވާ ކޮންމެ ދުވަހަކުވެސް 02:45 އިން ފެށިގެން 11:00 ގެ ނިޔަލަށެވެ.

ޕާކިސްތާނުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ޕާކިސްތާނުގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ބޭރުކުރުމަށް ޕާކިސްތާނުން ނިންމާފައިވާކަން އިންޑިއާއަށް ވަނީ އަންގާފައެވެ. އަދި އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ޕާކިސްތާނުގެ ހައި ކޮމިޝަނަރު، މަގާމުގެ މައްސޫލިއްޔަތުތަކަކާ ހަވާލުވެވަޑައި ނުގަންނަވާނެކަންވެސް ޕާކިސްތާނުން އިންޑިއާއަށް އަންގާފައިވާކަމަށް ޚަބަރުލިބެއެވެ.