ޕާކިސްތާނުގައި ހުންނަވާ އިންޑިއާގެ މަންދޫބު މަގާމުން ވަކިކުރައްވާ، އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން އަމަލުކުރާ ގޮތުގެ 5 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް އެކުލަވާލައިފިއެވެ.

މިއީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދިގުލާ ގޮސްފައިވާ ޖައްމުއާއި ކަޝްމީރު ސްޓޭޓްގެ މައްސަލާގައި ޕާކިސްތާނުން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. ޖައްމުއާއި ކަޝްމީރު ސްޓޭޓަށް ލިބިފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ޕާކިސްތާނުން އެކުލަވާފައިވާ 5 ނުކުތާގެ ޕްލޭންގައި، އިންޑިއާއާ އެކު ކުރާ ހުރިހާ ވިޔަފާރިއެއް ހުއްޓާލުމަށް ލާޒިމުކުރެއެވެ.

ކަޝްމީރުގެ މައްސަލާގައި ކެނޑިނޭޅި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދެމުންދާ ޕާކިސްތާނުން ވަނީ، ކަޝްމީރުގެ މިނިވަން ކަމަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ޝަކުވާ، އދގެ ސަލާމަތީ މަޖިލީހުގައި އުފުލާނެ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއާ އެކު ބޮޑުވަޒީރު އިމްރާން ހާން ކުރިއަށް ގެންދެވި މަޝްވަރާ ތަކަށްފަހު އެކުލަވާލާފައިވާ 5 ނުކުތާގެ ޕްލޭންގައި ހިމެނެނީ:

1. އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކުޑަކުރުން،

2. އިންޑިއާއާއިއެކު ކުރަމުންދާ ވިޔަފާރީގެ ހުރިހާ ގުޅުމެއް މެދުކަނޑާލުން،

3. ޕާކިސްތާނާ އިންޑިއާއާއި ދެމެދު އެކުލަވާލާފައިވާ ހުރިހާ މުއާހަދާއެއް މުރާޖައާ ކުރުން،

4. ކަޝްމީރުގެ މައްސަލަ އދއާއި އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުން، އަދި

5. އޯގަސްޓް މަހުގެ 14 ވަނަ ދުވަހަކީ "ކަޝްމީރުގެ ރައްޔިތުންނާއެކު ޕާކިސްތާނު" އޮތްކަން އަންގައި ދިނުމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ކަނޑައެޅުމެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއަށް އިންޑިއާގެ ރާޑަރު ހުއްޓިފައި ވާކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހު ވިދާޅުވެފައި ވާއިރު، އެކަމަށް ރައްދު ދެއްވާ އިމްރާން ހާން ވަނީ، ޕާކިސްތާނާ ވީ ފަޅިއަށް އަމާޒުކޮށް އިންޑިއާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ޕާކިސްތާނުންވެސް ރައްދުގައި ފިޔަވަޅު އަޅާނެ ކަމަށާ، ހަށިގަނޑުގައިވާ އެންމެ ފަހު ލޭ ފޮދު ހުސްވަންދެކަށްވެސް އެކަމާ ދެކޮޅަށް ތަޅާފޮޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޖައްމުއާއި ކަޝްމީރު ސްޓޭޓް، 3 ޔޫނިއަން ޓެރިޓަރީއަކަށް ބައިކޮށް ލަދަކްއަކީވެސް ވަކިވެފައިވާ ޔޫނިއަން ޓެރިޓަރީއަކަށް ހެދުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް، އިންޑިއާއާއި ސިލްސިލާ ގޮތެއްގައި އަދާވާތްތެރި ވަމުންދާ ޗައިނާއިން ވަނީ ފާޑުކިޔާފައެވެ. އަދި ކަޝްމީރުގެ މައްސަލާގައި އިންޑިއާއިން ވަކި ފަރާތަކަށް ބުރަވެ އޮވެގެން ކަންކަން ނުނިންމުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ. މިކަމަށް އިންޑިއާއިން ވަނީ ރައްދު ދީފައެވެ. ޗައިނާއިން އިންޑިއާއަށް އަމާޒު ކޮށްފައިވާ ފާޑުކިއުންތައް އެއްފަރާތް ކޮށްލަމުން އިންޑިއާއިން ބުނީ މިމައްސަލައަކީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ހިނގާ، އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށެވެ. އިންޑިއާއަކީ އެހެން ގައުމެއްގެ ދާހިލީ ކަމަކާ ބެހި އުޅޭ ގައުމެއް ނޫން ކަމަށާ، އެހެން ގައުމުތަކުންވެސް އެގޮތުގައި އަމަލުތައް ބެހެއްޓުމަށް އެދޭކަމަށް އިންޑިއާގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.