ޙައްޖުގެ އަޅުކަމަށް ތައްޔާރުވާ ފަރާތްތަކަށް އެކަމަށް ފަރިތަކުރުމަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުގެ ކުންފުންޏަކުން ދުނިޔޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ޙައްޖު އެންޑް އުމްރާ ސިމިއުލޭޓާ އެޕް ތައާރަފު ކޮށްފިއެވެ.

މައްކާއާއި މަދީނާގެ އަސްލު މަންޒަރުތައް ބޭނުން ކޮށްގެން ފަރުމާ ކޮށްފައި ވާ މި ވީއާރު އެޕަކީ ޙައްޖާއި އުމްރާގެ އަޅުކަމާ ގުޅޭ ތަމްރީނުތައް ފުރިހަމަ ކުރުމަށް އެހީވެދޭނެ އެޕްލިކޭޝަނެއް ކަމަށް، މި އެޕް ފަރުމާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަދުނާން މަޤްބޫލު ބުނެއެވެ.

"ދަ ލައްބައިކް ވީއާރު ސިމިއުލޭޓާ"އާއި ބެހޭ ގޮތުން މަޤްބޫލު ބުނީ، ޞަފާއާއި މަރްވާއާއި ދެމެދު ހިނގުމުގެ އިހުސާސްއާއި ޖަމްރާއަށް ހިލައުކުމުގެ ތަޖުރިބާ އިހުސާސްތަކެއް މި އެޕްލިކޭޝަންގެ އެހީގައި ކުރެވިގެންދާނެކަމަށެވެ.

އިސްލާމުންގެ މުޤައްދަސް މުހިންމު ތަންތަނުގެ 360 ޑިގްރީ މަންޒަރުތައް މި އެޕްލިކޭޝަންއިން ބަލާލެވެއެވެ. ވީހާވެސް އަސްލާ އެއްގޮތް ކަމުގެ އިހުސާސް ގެނެސްދިނުމަށް މި އެޕްލިކޭޝަނުން ފެންނަ ތަންތަން ފަރުމާކޮށްފައިވަނީ އަސްލީ ބިނާތަކާ ތަންތަނުގެ މިންތައް ސެންޓިމީޓަރަކަށް ވަޒަންކޮށްގެންނެވެ.