ނުކުޅުދުންތެރިކަން ހުންނަ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ކިޑްނީ ވިއްކަން އުޅޭކަށް ނުޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ، ރާއްޖެއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި ކިޑްނީ ވިއްކަން އުޅުމަށްވުރެ ފުދުންތެރި ގައުމެއް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެ މިހާލަތަށް ވެއްޓިގެން މިދަނީ ދައުލަތަށް ލިބޭ ފައިސާ ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާތީ ކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ގިނަވުމުގެ ސަބަބުން ދިވެހި ދައުލަތަށް ލިބެމުންދާ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވެމުން ނުދާތީ ކަމަށެވެ. އެގޮތުން އާސަންދައަށް ވަރަށް ބޮޑު ބަޖެޓެއް ދެވިފައި ވަނިކޮށް، ވޭތުވެދިޔަ ފަސް އަހަރުގައި އާސަންދަ ބޭނުންކޮށްގެން ވަރަށް ގިނަ ވައްކަން ކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މެންބަރު ރޮޒައިނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، އޯޓިޒަމް ހުންނަ ދަރިފުޅުގެ ފަރުވާއަށް ދިވެހި މަންމައިންނާ ބެލެނިވެރިން ކިޑްނީ ވިއްކަން ވެސް ތައްޔާރުކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފައެވެ. އެގޮތުން މި ކެމްޕޭންގައި އެކި ބެލިނިވެރިން ދަނީ އެމީހުންގެ ދަރިންގެ ފަރުވާއަށް ދާ ބޮޑެތި ހަރަދުތައް ފޫބެއްދުމަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ތިބިކަމަށް ބުނަމުންނެވެ. އަދި މިއީ އަޅާނުލެވި އޮތް ކަމެއްކަމަށް ބުނެ މިކަން ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމަށް ބޭނުން ވާކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މޫމެންޓެއްގެ ގޮތަށް ކުރިއަށް ގެންދާ މި ކެމްޕޭންގައި ބެލެނިވެރިން ބުނެފައި ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު، ކިޑްނީ ބޭނުންވާ ފަރާތަކަށް ކިޑްނީއެއް ވިއްކުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަން ނުޖަހާ ގޮތަށް "ދަ ޕްރެސް" އާ ވާހަކަދެއްކި ބައެއް ބެލެނިވެރިން ވަނީ އެފަދަ ކުދިންގެ ތެރަޕީ އަގު ބޮޑުވެފައި އެކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ބުނެފައެވެ. އަދި މި މައްސަލައަށް މިހާތަނަށް އެކަށިގެންވާ ހައްލެއް ލިބިފައި ނުވާ އިރު، ކަމާބެހޭ ފަރާތްތަކުން ވެސް މިކަމުގައި ފަރުވާ ކުޑަކުރާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ދަރިފުޅަށްޓަކައި ކިޑްނީ ވިއްކާލަން ޖެހުނަސް އެކަން ކުރާނެ ކަމަށް ބެލެނިވެރިން ބުނެއެވެ.