ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއް ނަގައި ދަތުރު ކުރަމުން ދާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ ޓްރެފިކް ފޮލިހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއްގައި ޓެކްސީ ކުރަމުން ދާ ފަރާތްތަކަށާއި، ރޯޑް ވާދިނެސްގެ މިންގަނޑަށް ފެތޯތޯއާއި، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވާ އުޅަނދެއްތޯ ބަލެމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި ޓެކްސީތަކުގެ އަގުތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ އަގުތައް ބަލައި ނުގަންނަ ކަމަށް ބުނެ ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ މިނިސްޓްރީން އާންމު ކޮށްފައިވާ އިއުލާނުގައި ވާ އަގުތަކަކީ ޓެކްސީ ދުއްވާ ފަރާތްތަކުގެ އާމްދަނީ އަށާއި ދިރިއުޅުމަށް ދަތިވެ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކަށް އެކަށޭނަ އާމްދަނީއެއް ލިބޭނޭ ފަދަ އަގުތަކެއް ނޫންކަމަށެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކުގެ އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީ ސެންޓަރެއްގެ މަޝްވަރާއާއި ނުލާ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. މީގެ އިތުރަށް ރާއްޖެއަށް ޓެކްސީ އެޕްލިކޭޝަނެއް ބޭނުން ނުވާ ކަމަށް ވެސް ދިވެހި ޑްރައިވަރުންގެ އެސޯއިއޭޝަނުން ބުނެފައި ވެއެވެ. އަދި އެއްވެސް ސެންޓަރަކުން ހުއްދަ ދީފައިވާ އެއްވެސް އެޕްލިކޭޝަނަކަށް ނުވަނުމަށް ނިންމާފައި ވާކަމަށްވެސް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަަގުތަކުގެ ތެރޭގައި، މާލެއާއި ހުޅުލެ އާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 60 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެއާއި، އަދި ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 75 ރުފިޔާއެވެ. މާލެ އާއި ހުޅުމާލޭގެ އެތެރޭގައިކުރާ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. މި އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީގެ ޑިކީއަށް އަރުވާ ލަގެޖްގެ އަގުވެސް ހިމެނޭ ގޮތަށެވެ. އެހެން ކަމުން ޑިކީއަށް ލަގެޖް އެރުވިޔަސް މި އަގުތަކަށް ވުރެ އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ. ޓެކްސީ ދަތުރުތަކުގެ އަގަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ މާދަމާއެވެ.