ހަމަނުޖެހުންގަނޑު ގަދަވެފައިވާ ޖައްމުއާއި ކަޝްމީރު ސްޓޭޓް ބައިކޮށް، އިދާރީ ވަކި ދާއިރާތަކެއް އެކުލަވާލާ، މީގެ އެތައް އަހަރެއް ކުރިން އެ ސްޓޭޓަށް ލިބިފައި އޮތް ގާނޫނީ މިނިވަންކަން ނަގާލުމަށް އިންޑިއާގެ ސަރުކާރުން ނިންމި ނިންމުން ބަލައި ނުގަންނަނީ އެކަނި ނޫންކަމަށާ، އިންޑިއާ ސަރުކާރުގެ ނިންމުން ޕާކިސްތާނުން ކުށްވެރި ކުރާކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ހޯމަ ދުވަހު އިއުލާންކުރި ބަދަލުތަކާއެކު ޕާކިސްތާނުން ދަނީ އެކަމާ ދެކޮޅަށް ވަރުގަދަ ބަހުސްތަކެއް ކުރަމުންނެވެ. އެގޮތުން، އދގެ ސަލާމަތީ މަޖިލީހުގައި މިމައްސަލަ ބަލައި ދިނުމަށް އެދި އެއިދާރާއަށް ޕާކިސްތާނުން ހުށަހަޅާނެ ކަމަށްވެސް ގުރައިޝީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިހާރު ތައްޔާރުވެވަޑައިގަންނަވަމުންދަނީ މިކަމާ ބެހޭ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށެވެ. މި ބައްދަލުވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ޚަބަރު ލިބެއެވެ.

ޖައްމު އާއި ކަޝްމީރު ސްޓޭޓްގެ މައްސަލާގައި އިންޑިއާއިން ނިންމި ނިންމުމާ ގުޅިގެން އިމްރާން ވަނީ ތުރުކީވިލާތާ މެލޭޝިއާ ފަދަ އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މީގެ އިތުރުން ކަޝްމީރުގެ މައްސަލައާއި ގުޅޭ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްގެންދާ ހާއްސަ ބައްދަލުވުމެއްގައިވެސް މިއަދުގެ ވަގުތެއްގައި ގުރައިޝީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ އާންމު ހާލަތަށް ބަލާއިރު އިންޑިއާ ސަރުކާރުގެ ނިންމުމާއެކު ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގެ މަގުތަކަށް އެގައުމުގެ އާންމުން ދަނީ ނިކުމެ އަޑުއުފުލަމުންނެވެ.