މި ދަނޑިވަޅަކީ ޖައްމު އާއި ކަޝްމީރު ސްޓޭޓަށް ފާއިތުވީ 70 ވަރަކަށް އަހަރު ލިބިފައި އޮތް ކުޑަ ނަމަވެސް މިނިވަންކަމުގެ ވިންދު އެ ސްޓޭޓުން ކަނޑުވާލުމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް، ކާމިޔާބީ އެންމެ އުސް ހަރުފަތާ ހިސާބަށް ދެވުނު ކަމުގެ އުފާ، އިންޑިއާގެ ސަރުކާރުން ކުރަމުންދާ ދަނޑިވަޅެކެވެ. އިންޑިއާގެ ސަރުކާރުން ސިފަކުރާ ގޮތުގައި، މި ފިޔަވަޅަކީ، ތާރީހުގައި އަރާފައި އޮތް ބޮޑު އޮޅުންގަނޑެއް "އިސްލާހް" ކުރަނިވި ފިޔަވަޅެކެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ކަދުރު ގަތުމަށް ސްރީނަގަރުގެ ބާޒާރެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭ.އެން.އައި

ކަޝްމީރު "މައްސަލައަކަށް" ވީ ކީއްވެ؟

ހިމާލަޔާސް ފަރުބަދަތަކުގެ ސަރަހައްދުގައި އޮންނަ ކަޝްމީރަކީ އެބައި މީހުންގެ ފުރިހަމަ މިލްކެއް ކަމަށް އިންޑިއާއާއި ޕާކިސްތާނުން ވަކާލާތު ކުރަމުން އަންނަ ތަނެކެވެ. ކުރިން ޖާގައިގެ ގޮތުން އިންތިހާއަށް ތަނަވަސް ޖައްމުއާއި ކަޝްމީރުގެ ސްޓޭޓް، އިންޑިއާއާއި ގުޅުނީ 1947 ވަނަ އަހަރު، އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަން ނިންމާ، އިންޑިއާގެ ސަބްކޮންޓިނެންޓް ދެބައި ކުރި ހިސާބުންނެވެ.

ޖައްމު އާއި ކަޝްމީރުގެ ކޮންޓްރޯލް ހޯދުމަށް އިންޑިއާއާއި ޕާކިސްތާނުން ވަނީ އެކި ފަހަރު މަތިން ހަނގުރާމަތަކެއްވެސް ކޮށްފައެވެ. މިއާއެކު ހަނގުރާމަ ސުލްހަ ކުރުމުގެ ތެރެއިން، ހަމަލާ ބަދަލު ކުރުން މަނާ ސަރަހައްދު ނުވަތަ ލައިން އޮފް ކޮންޓްރޯލް ފާހަގަކުރެވިގެންދިޔައެވެ.

ފާއިތުވީ 30 އަކަށް އަހަރުދުވަސް ވެފައިވަނީ ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ސިލްސިލާ ހަމަނުޖެހުންތަކެއް ހިންގަމުންދިޔަ އަހަރުތަކަކަށެވެ. އަސްލަކަށްވީ އިންޑިއާގެ ވެރިކަމާ ދެކޮޅަށް، ވަކިވެ ގަތުމަށް މަސައްކަތް ކުރާ ފިކުރުގެ އަޑާ، ބާރު ގަދަވެގެން ދިއުމެވެ.

މިހާރު މިވީ ކިހިނެއް؟

މިހިނގާ އޯގަސްޓް މަހަށް ފެށިގެން އައިއިރު ކަޝްމީރުގެ މައްސަލަ ފިސާރި ސީރިއަސްވެއްޖެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ނިޝާންތައް އޯގަސްޓް މަހަށް ފެށުމާއެކު ފެންނަން ފަށައިފިއެވެ. އިންޑިއާ އަސްކަރިއްޔާގެ ފައުޖުތައް ކަޝްމީރުގައި ރުކުރުވާލިއެވެ. ހިންދޫންގެ އަޅުކަމާ ގުޅިފައިވާ ބޮޑު ފެސްޓިވަލެއް ކެންސަލްކޮށްލިއެވެ. ސްކޫލްތަކާ ކޮލެޖުތައް ބަންދުކޮށް، ކަޝްމީރުގައި ތިބި ފަތުރުވެރިންވެސް އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގުނެވެ. މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލިއެވެ. ސަރަހައްދީ ސިޔާސީ ލީޑަރުންތައް ހައްޔަރުކޮށް، ގޭބަންދު ކުރެވުނެވެ.

ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ކާފިއު އިއުލާންކޮށްފައިވަނިކޮށް ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އޭއެފްޕީ

އެންމެބޮޑު ބަހުސެއް ކުރެވެމުންދިޔައީ އިންޑިއާގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި ގުޅިގެންނެވެ. މި މާއްދާއަކީ ކަޝްމީރު މީހުންނަށް މިނިވަންކަމުގެ އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. ބީޖޭޕީ ސަރުކާރުން ފޫގަޅާފައި އޮތީ މިމާއްދާ އުވާލުމަށެވެ. މުޅި އިންޑިއާއަށް ސިހުން ގެނުވީ 35 ވަނަ މާއްދާގެ (ހ)ވެސް އެ ގާނޫނެއްގެ ދަށުން އަންނަ ގާނޫނުގެ 370 މާއްދާ އުވާލާނެކަން ސަރުކާރުން އިއުލާން ކުރި ހިސާބުންނެވެ.

މާއްދާ 370 މުހިންމު ވަނީ ކީއްވެ؟

ކުރިންވެސް ދެންނެވިފަދައިން މާއްދާ 370 އަކީ، ކަޝްމީރު މީހުންނަށް މިނިވަންކަމުގެ އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. އެގޮތުން ވަކި ގާނޫނު އަސާސީއެއް އެކުލަވާލުމާ، ވަކި ދިދައެއް ގެންގުޅުމާ، ގާނޫނުތައް ހަދާ އުޅުމުގެ ބާރު ކަޝްމީރުގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. ހާރިޖީ، ދިފާއީ އަދި މުއާއްސަލާތާ ގުޅުންހުރި ސިޔާސަތުތައް ހިންގާ ބެލެހެއްޓުން އޮންނަނީ މައި ސަރުކާރަށެވެ.

ގާނޫނު ހަމަޖެހިފައި އޮތް ގޮތުން، ރަށްވެހި ކަން ދީ ބިން މިލްކު ކުރުމާ އެނޫންވެސް އަސާސީ ހައްގުތަކާ ގުޅިގެން ބަސް ކިޔާ، ގާނޫނީ ހައިސިއްޔަތު ދިނުމުގެ ފުރިހަމަ މިނިވަންކަން ޖައްމު އާއި ކަޝްމީރު ސްޓޭޓަށް އޮތީ ލިބިފައެވެ. އެ ސްޓޭޓަށް ނިސްބަތް ނުވާ އިންޑިއާ މީހުންނަށް ޖައްމު އާއި ކަޝްމީރު ސްޓޭޓުން ބިމާ މުދާ މިލްކު ނުކުރެވޭ ގޮތް ހެދުމުގެ ބާރުވެސް މި ސްޓޭޓްގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. އެތަނުގައި ވަޒަންވެރިގެން އުޅެވޭނެ މީހުންނާ އެނޫން މީހުން ކަނޑައެޅުމުގެ ބާރުވެސް އޮތީ ލިބިފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު މުސްލިމުންގެ މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓަކީވެސް ޖައްމު އާއި ކަޝްމީރުގެ ސްޓޭޓްއެވެ.

ހިންދޫންގެ ވެރިކަމާ ބާރު އޮންނަ އިންޑިއާއަށް މިއީ ހަޖަމު ކުރަން މާ ފަސޭހަ ކަމަކަށް ނުވެއެވެ.

ކަޝްމީރު މީހަކު ކީރިތި ޤުރުއާން ކިޔަވަނީ. ރަމަޟާން މަހަކީ ރޭ އަޅުމަމުގައި ގިނަ ބަޔަކު މަސްހޫލުވެ އުޅޭ ދުވަސްވަރެއް/ފޮޓޯ: އޭއެންއައި

ސަރުކާރުން އެގޮތަށް އަމަލުކުރީ ކީއްވެ؟

ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ހިންދޫ ނޭޝަނަލިސްޓް ބާރްތިޔާ ޖަނާތާ ޕާޓީއަކީ މާއްދާ 370އާއި ދެކޮޅު ބައެކެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ބީޖޭޕީއިން އެކުލަވާލި މެނިފެސްޓޯގައިވެސް ހިމެނުނު އެއް ކަމަކީ މާއްދާ 370 އުވާލުމެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް މޯދީ ކަށަވަރު ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ އިންޑިއާގެ ވެރިކަން ކުރާ ޕާޓީއިން މިވަނީ އެކަން ކޮށްފައެވެ. މަޖިލީހުގައި މިކަން އިއުލާން ކުރެއްވީ ބީޖޭޕީގެ ލީޑަރެއްގެ ގޮތުގައި އިންތިހާބު ތެރޭގައި އުޅުއްވުމަށް ފަހު މިހާރު ވަޒީރުންގެ މަޖިލީހުންވެސް ޖާގަ ހޯއްދަވާފައިވާ އަމީތު ޝާހުއެވެ.

ހޯމަ ދުވަހުގެ ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އެއީ އިންޑިއާގެ އަދުގެ ސަރުކާރަށް ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ސަރުކާރަށް އަމާޒުވަމުންދާ އެކި ކަހަލަ ފިއްތުންތަކާ ފާޑު ކިއުންތަކުގެ މިސްރާބު ބަދަލުކޮށްލުމަށް ސަރުކާރުން ކުރި ކަމެކެވެ.

ބީޖޭޕީގެ ރައީސް އަމީތު ޝާހް (ކ)ގެ އުފަން ދުވަސް ފާހަގަކުރެއްވުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފޮނިކާއެއްޗެއް ދެއްވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ކަޝްމީރުގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ކަޝްމީރުގައި އޮތް މުސްލިމު މެޖޯރިޓީ ރޫޅާލުމުގެ ނިޔަތުގައި ސަރުކާރުން ކުރި ކަމެކެވެ.

ސިޔާސީ ނަޒަރަކުން ބަލާއިރު، މިއީ ކަޝްމީރާ ޕާކިސްތާނުގެ މައްސަލާގައި މޯދީގެ ސަރުކާރުން ހަރުކަށި ފިކުރެއް ގެންގުޅޭކަން ސާބިތުކޮށްދިނުމަށް ނިންމި ނިންމުމެކޭވެސް ބުނެވިދާނެއެވެ.

ސަރުކާރުގެ ނިންމުމާއެކު ބަދަލުވީ ކޮން ކަމެއް؟

ހޯމަ ދުވަހު ހުށަހެޅިގެން ދިޔަ ބަދަލާއެކު ކަޝްމީރުގައި ވަކި ގާނޫނެއް ނޯންނާނެއެވެ. އަމަލުކުރުން ލާޒިމުވާނީ އިންޑިއާގެ މައި ގާނޫނު އަސާސީއަށެވެ. އިންޑިއާގެ ގާނޫނު އަސާސީގެ ހުރިހާ މާއްދާއެއް ކަޝްމީރުގެ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރެވިގެންދާއިރު، އެހެން ހިސާބުތަކުގެ މީހުންނަށްވެސް ކަޝްމީރުން ބިމާ މުދާ މިލްކުކުރުމުގެ މަގު ތަނަވަސްވީއެވެ.

އިންޑިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ޖައްމު އާއި ކަޝްމީރުގެ ބޮޑު ސްޓޭޓް ބައިކޮށް، އިދާރީ ކުދި ދާއިރާތަކަށް ބަހާލުމަށެވެ. ޖައްމު އާއި ކަޝްމީރު މައިގަނޑު 3 ބަޔަކަށް ބައިކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު، ހިންދޫންގެ މެޖޯރިޓީ އޮންނަ ޖައްމު އަދި ބުދިސްޓުންނަށް ލަދަކް ސަރަހައްދެވެ.

ސްރީނަގަރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން ޖޭ.ކޭ.އެލް.އެފްގެ ލީޑަރު ޔާސީން މަލިކު ހައްޔަރު ކުރުމަށް އިންޑިއާގެ ފުލުހުން މަސައްކަތް ކުރަނީ/ފޮޓޯ: ރޮއިޓާޒް

މިއީ ޣައިރު ގާނޫނީ ނިންމުމެއްތަ؟

އިންޑިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން މާއްދާ 370 އަށް ބަދަލު ގެނެވޭނީ ވަކި ސްޓޭޓްތަކުގެ ސަރުކާރުގެ ބަހެއް ހޯދައިގެންނެވެ. ނަމަވެސް ޖައްމުއާއި ކަޝްމީރު ސްޓޭޓްގެ ސަރުކާރު ނެތްތާ އަހަރެއްހާ ދުވަސްވީއެވެ. ދެން އޮންނާނީ މައި ސަރުކާރުން، ގަވަރުނަރުގެ ބަހެއް ހޯދުމެވެ. އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި، މައި ސަރުކާރުން މީގެ ކުރިންވެސް މިފަދަ ނިންމުންތަކެއް ނިންމާފައި އެބަހުއްޓެވެ.

ގާނޫނީ ތަޖުރިބާކާރުންގެ ފިކުރުވެސް މިކަމުގައި ވަނީ ދެކަފިވެފައެވެ. އެއްގޮތަކުން ބަލާއިރު މިއީ ގާނޫނު ތަންދޭ ކަމެއްކަމަށް އެއްބައި ތަޖުރިބާކާރުން ބުނާއިރު، މިކަމަކީ ގާނޫނީ ކުށަކަށް އަރައިގަތުން ކަމަށާ، މިއީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ކަމަށް ބުނާ ތަޖުރިބާކާރުންވެސް އެބައުޅެއެވެ.