އުތުރު ކޮރެއާއިން އަނެއްކާވެސް ގޮތް ނޭނގޭ 2 މިސައިލެއް ލޯންޗްކޮށްފި ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މިއީ ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެއާއިން މިފަދަ ގޮތަކަށް ޓެސްޓްތަކެއް ކުރި 4 ވަނަ ފަހަރެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުތުރު ކޮރެއާއިން މިފަހަރު މިސައިލްތައް ފޮނުވާލާފައިވަނީ އެގައުމުގެ އިރުން އޮންނަ ކަނޑުގެ ސަރަހައްދަށް ވާ ގޮތަށެވެ.

ދެ ކޮރެއާ ހިމެނޭ ޕެނިންސޫލާގެ މަސްރަހު ވިލަރެސް ކުރަމުންދާކަމަށް އެމެރިކާއިން ބުނެފައިވާއިރު، އުތުރު ކޮރެއާއިން މިސައިލްތަކެއް ޓެސްޓް ކުރަމުންދަނީ އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން "ރުޅިގަދަވެގެން" ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ އާ ބުރެއް މި އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ ތަމްރީނުތަކަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ބައެއް ހަރަކާތްތައް ހިންގަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އުތުރު ކޮރެއާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައު ބުނެފައިވަނީ އެމެރިކާއާއި ދެކެނު ކޮރެއާއަކީ އެކުވެރި ދެ ގައުމަށްވާއިރު، ދެ ގައުމުންވެސް ކުޅެމުންދަނީ ވަރުގަދަ "ގޭމެއް" ކަމަށާ، ދެގައުމުން ގެންގުޅޭ ހަރުކަށި ފިކުރުތައް ފޮރުވެން ނެތް ކަމަށެވެ.

އުތުރު ކޮރެއާގެ ޚާރިޖިއްޔާއިން ބުނީ ދެކުނު ކޮރެއާއާ އެކު އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަކީ އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު ބަދަހި ކުރަމުން އަންނަ ގުޅުމަށް ހީނަރުކަން ކުރިމަތިވެ، ކުރިއަށްދިއުމަށް އުތުރު ކޮރެއާއިން އަޅާ ފިޔަވަޅުތަކަށް ހުރަސް އެޅޭ ކަމެއްކަން ފާހަގަކޮށް، ތަކުރާރުކޮށް އިންޒާރުކޮށްފައިވާނެ ކަމާށެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ލަފާކުރާ ގޮތުގައި އުތުރުން މިއަދު އުދުއްސާލާފައި ވަނީ ކުރު ރާސްތާ މިސައިލްތަކެކެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް އުތުރު ކޮރެއާއިން ހާމަކޮށްފައި ނުވި ނަމަވެސް، ގައުމީ ދިފާއަށްޓަކައި ކުރެވެން ހުރިހާ ކަމެއް ކުރަމުން ދާނެ ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.