ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރި މައްސަލައިގައި، އެއިރު އޭސީސީގެ ނައިބު ރައީސަކަށް ހުންނެވި މުއައްވިޒު ރަޝީދު ހެކިބަސް ދެއްވައިފިއެވެ.

އޭސީިސީގެ ރައީސްކަން ކުރައްވާ މުއައްވިޒު ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ދައުލަތުންނެވެ. ދައުލަތުން ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުއާމަލާތްތައް ކޮށްފައިވާކަން ފާހަގަވީ ކޮންއިރަކުތޯ މުއައްވިޒާ ސުވާލުކޮށްފައެވެ. ޖަވާބުގައި މުއައްވިޒު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާ އެސްއޯއެފަށް ޖަމާވިކަން އެނގުނީ ތަހުގީގުން ކަމަށެވެ.

އެގޮތުން މުއައްވިޒު ވިދާޅުވީ، އެސްއޯއެފުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދެ ފަހަރެއްގެ މަތިން 500،000 ޑޮލަރުގެ ދެ ޗެކް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޖަމާކުރިކަން ހާމަވާ ކަމަށެވެ. އަދި އެކަން ވެރިފައި ކުރުމަށް ރައީސް ޔާމީނުގެ އެކައުންޓް ސްޓޭޓްމަންޓެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

ދައުލަތުން ޔާމީންގެ މައްސަލައިގައި މިއަދު އެއް ހެކި ހުށަހެޅި އިރު، ޔާމީންގެ ފަރާތްޕުޅުން ވަނީ ތިން ހެއްކެއް ހުށަހަޅާފައެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އާޒިމާ އާދަމާއި، އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގެ އިތުރުން އެމްއެމްޕީއާރުސީން އެސްއޯއެފަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައިގެ ގަޒިއްޔާގެ ނިންމުމެވެ.

އޭސީސީގެ ރައީސް މުއައްވިޒު

އާޒިމާ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންކަން ހިނގި އިރު އެމްއެމްއޭގެ ގަވަރުނަރުކަން ހުންނެވި ބެފުޅާއެވެ. އަދި އެމްއެމްއޭގެ ނޫސް ބަޔާނަކީ މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް އެއްވެސް މުއާމަލާތެއް ނުހިނގާކަމަށް ބުނެ އެ އިދާރާއިން ނެރުނު ނޫސްބަޔާނެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ގަޒިއްޔާ ހުށަހަޅާފައިވަނީ އެސްއޯއެފުން އެމްއެމްޕީއާރުސީއާ ހިންގި މުއާމަލާތްތަކަކީ ސައްހަ މުއާމަލާތަތަކެއް ކަން ސާބިތުކޮށްދިނުމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމިން ވަނީ ސިދާ ސުވާލުތަކެއް މުއައްވިޒާ ކުރައްވާފައެވެ. އެގޮތުން ޔާމީން ވަނީ އޭސީސީން އެމަނިކުފާނުގެ ބަޔާން ނެގިކަމަށް ބުނާ ވާހަަކަތައް ސާފްކުރައްވަން، އެ ބަޔާން ނެގި ތަނާއި، ދުވަހާއި، އަދި އަމަލުކުރެއްވި ގޮތް ސާފްކުރައްވަން ސުވާލުކުރައްވާފައެވެ.

މިއަދުގެ މަޖިލީހުގައި ދިފާއީ ވަކީލުން ވަނީ އެއް ދުވަހެއްގައި ހުރިހާ ހެކިވެރިންގެ ހެކި ބަސް ނަގަން އެދިވަޑައިގެންފައެވެ. އަދި އެއީ ހެކި ބަދަލުކޮށް ނުފޫޒު ފޯރުވަފާނެކަމަށް ވިދާޅުވެެއެވެ. ނަމަވެސް އިސް ގާޒީ ހައިލަމް ވަނީ އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ވިދާޅުވެ، ވީހާވެސް ގިނަ ބަޔެއްގެ ހެކި ނެގޭގޮތް ހަމަަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ހުށަހެޅުންތައް ގާޒީ ވަނީ ބައްލަވައިގެންފައެވެ. މިއަދުގެ އަޑު އެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ބައެއް ކަންކަން ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އިޖުރާއަތުގެ މައްސަލައެއްކަމަށް ފާހަގަކުރީ ދައުވާ ހުށަހަޅާ ފޯމުގައި ހުރި ފުށުއެރުންތަކާއި، ރިފަރެންސް ނަންބަރަކާއި އިގުރާރުވާ ބައެއް ފޯމުގައި ދައުލަތުން އިތުރުކޮށްފައިވާކަމަށް ދިފާއީ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

އަދި އޭގެ އިތުރުން ލައިވް ކުރުމުގެ އުސޫލެއްވެސް ކޯޓުން އާންމުކޮށްފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ދިފާއީ ވަކީލު ފާހަގަކުރެއްވީ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން އެދުނު އެދުމަށް ޖަވާބު ލިބިވަޑައިނިގަތުމާއި، ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ މައްސަލައެވެ. މީގެ އިތުރުން ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ ޝަރީއަތް އެންމެ އިންސާފްވެރި ނުވާނެކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވާ އިރު، ދެން އަޑުއެހުމެއް ބާއްވާނެ ތާރީހެއް ރިޔާސަތުން އިއުލާން ނުކުރެއެވެ. ނަމަވެސް ދިފާއީ ވަކީލުން ސުވާލުކުރުމަށް ދެން އޮންނަ އަޑުއެހުމަކަށް އޭސީސީގެ ރައީސް މުއައްވިޒު އަލުން ހާޒިރުކުރެވޭނެކަމަށް ގާޒީ ހައިލަމް ވިދާޅުވިއެވެ.