ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި 'ބަންދުވެފައިވާ' ކުޑަކުދިންގެ ހާލަތު ބަދަލު ކުރުމަށް އދގެ ސަލާމަތީ މަޖިލިސް އެކަތިގަނޑަކަށްވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ހަނގުރާމަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރައްވާ އދގެ ހާއްސަ މަންދޫބު ވާޖިނިއާ ގަމްބާ ވިދާޅުވެއްޖެއެވެ.

ގަމްބާ ވިދާޅުވީ، ކުޑަކުދިން ހިމާޔަތް ކުރުމުގެ މަސައްކަތްތަކަކީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އިތުބާރު އުފައްދާދެނިވި ކަމެއް ކަމުގައި ގަބޫލުކުރައްވާކަމަށެވެ. ލިބިފައިވާ ހެކިތަކަށް ބަލާއިރު، މިކަމަކީ ސުލްހަ ގާއިމު ކުރުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް ހޯދާދޭ ކަމެއްކަން ފާހަގަކުރެވިފައިވާކަމަށްވެސް ގަމްބާ ވިދާޅުވިއެވެ.

ކަންމިހެން އޮތް ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އެދެވޭ ނަތީޖާތަކަށް ނެރެވެމުން ނުދާކަން، ގަމްބާ ވަނީ ފާހަގަކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ އަނި ނަފްސާނީ އަނިޔާގެ އިތުރުން ޖީންސީ ގޯނާގެ ޝިކާރައަކަށްވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ހަނގުރާމައިގެ އެކި މަރުހަލާތަކުގައި ކުޑަކުދިން ސީދާ ގޮތުން މައިދާނަށް ނެރެގެން އެކުދިންގެ ފަރާތުން ނާޖާއިޒު ފައިދާ ނެގުމާ، ހޮސްޕިޓަލުތަކާ ސްކޫލްތަކަށް ހަމަލާ ދިނުމަކީވެސް ކުޑަކުދިންނަށް ދެވޭ އަނިޔާގެ ގޮތުގައި އދއިން ފާހަގަކުރާ ކަންކަމެވެ.