ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ދެވަނަ އަޑުއެކުން މިއަދު އޮންނާނެއެވެ. މިއަޑުއެހުން އޮންނާނީ މިއަދު ހެނދުނު 10:30 ގައެވެ.
ފުރަރަމަ ފަހަރަށް ޓީވީ ތަކުން ލައިވް ކޮށްގެން ކުރިއަށް ގެންދާ މިޝަރީއަތުގެ މިއަދުގެ އަޑުއެހުންވެސް ޓީވީތަކުން ލައިވް ކުރާނެއެވެ. ހުސްވި މަހުގެ 21 ވަނަ ދުވަހު މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވާއިރު، ރައީސް ޔާމީނުގެ ފަރާތްފުޅުން ދިފާއަށް ހުށަހެޅި 5 ހުށަހެޅުން ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ. މައްސަލަ ބައްލަވާ އިސްޤާޒީ އަހުމަދު ހައިލަމް އެދުވަހުގެ މަޖިލީސް ނިންމަވާ ލެއްވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިފާއީ ހެކިން ހުށައެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ފަހުއެވެ.
އެ ދުވަހުގެ އަޑުއެހުމުގައި، ދައުލަތުން ކުރިން ހުށައަޅާފައިވާ ހެކިންގެ އިތުރުން، އިތުރު ދެ ފަރާތެއް ހެކިންގެ ގޮތުގައި ހުށައެޅުމުން އެކަމާމެދު ދައުވާލިބޭ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ދެފަރާތުގެ ހެކިބަސް ނުނެގުމަށް ގާޒީ ނިންމެވިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ވިދާޅުވެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލައެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ. މިމައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހު ބާއްވާފައިވާކަން ފާހަގަ ކުރެވެއެވެ.