ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި ހުންނަ އާސަންދަ އޮފީސް ބަންދުކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ.

ލަންކާގައި ހުންނަ އާސަންދަ އޮފީސް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބަންދުކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން، އާސަންދަ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮފީސް ބަންދު ކުރުމަށް ނުވަތަ ނުކުރުމަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ވިސްނަމުން ދާތީވެ، ޑިސްކަޝަން ކުރިއަށް ދާ ކަމަށާއި، އެހެންކަމުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އާޝިޔާ ވިދާޅުވީ ލަންކާ އޮފީހުގައި މަސައްކަތް ކުރަނީ ތިން މުވައްޒަފުން ކަމަށެވެ. އެއީ ޑްރައިވަރު ހިމެނޭ ގޮތަށް އިތުރު ދެ ކުދިން ކަމަށާއި، އެ ދެ މުވައްޒަފުންގެ ޕާފޮމަންސް އިވެލިއުވޭޓްކޮށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި އެ ނޯޓިސް އަކީ ލަންކާ އޮފީސް ބަންދުކުރާތީ ދީފައިވާ ނޯޓިސްއެއް ނޫން ކަމަށެވެ.

ލަންކާ އާސަންދަ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކުރި ޕޯސްޓުގައި ބުނެފައިވަނީ ޕާފޯމެންސް އިވެލިއޭޓް ކުރި ފޯމެއް ނުފެންނަ ކަމަށާއި، އެކަން ކުރީ ކާކު ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ސްޓާފުންނާ ހިއްސާކޮށްފައިވާ ނުވާ އިރު އާސަންދަ އިސްބޭފުޅުންނާ ގުޅުއްވުމުން، އޮފީސް ބަންދު ކުރަން ނިންމި ކަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލައިގައި އާޝިޔާ ވިދާޅުވީ މުވައްޒަފުންގެ ޕާފޯމެންސް އޮޑިޓް ހަދަން ލަންކާއަށް ދާން ނުޖެހޭ ކަމަށާއި، އޮންލައިންކޮށް މުވައްޒަފުންގެ ހުރިހާ ކަމެއް ބެލޭ ކަމަށެވެ. އަދި ނޯޓިސް ދިފައިވަނީ އެއަށް ބެލުމަށްފަހުގައި ކަމަށެވެ.