ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރެއްވުމަށް މަތީ އަރާ ތިއްބަވަނިކޮށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ބޮޑުބޭބެ ވިދާޅުވާ 2 މެމްބަރަކު ބޯޓުން ބާލާފައިވާކަމަށް ޕާކިސްތާނުގެ އިމިގްރޭޝަން އޮފިޝަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

ޔޫސުފް ޢައްބާސްއާއި ޢަބްދުލްޢަޒީޒު ޢައްބާސްއަކީ ކަޅުފައިސާ ދޮވުމުގެ އިތުރުން ގަބޫލުކުރަން ދަތި މިންވަރެއްގެ ބޮޑު އާމްދަނީއެއް ހޯއްދަވަމުންދާ ކަމުގެ ތުހުމަތުތަކަކާ ގުޅިގެން އެބަޔަކާ ދެކޮޅަށް ތަހުގީގު ހިންގޭ ބައެއްކަމަށްވެސް މައުލުމާތު ލިބެއެވެ.

އަލަމާ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ މަދީނާއަށް ފުރަން ހަމަޖެހިފައި އޮތް މަތިންދާ ބޯޓަކުން މި ދެބޭފުޅުން ބާލާފައިވަނީ ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ އެދުމަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަވާޒް ޝަރީފަށް ބޮޑުބޭބެ ވިދާޅުވާ މި ދެބޭފުޅުންނަކީ، ޕާކިސްތާނުގެ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ދަތުރު ކުރިޔަ ނުދީ ހިފެހެއްޓޭނެ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ދެ ބޭފުޅުން ކަމަށް މައުލޫމާތު ލިބެއެވެ.

ނަވާޒް ޝަރީފާ އޭނާގެ އާއިލާގެ މެމްބަރުންނާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށް، މައްސަލަ ބަލަމުންދާއިރު ނަވާޒް ޝަރީފާ އާއިލާގެ މެމްބަރުން ދަނީ މި ތުހުމަތުތަކާ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.