ދައުލަތުގެ ޕްރޮޕަގަންޑާ ފަތުރާ، ސަރަހައްދީ އަދުއްވުންނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރާ ގުޅިފައިވާ މީހުން ހިންގާ ބޮޑު ނެޓްވާކެއްގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ފޭކް އެކައުންޓްތަކާ ޕޭޖުތަކެއް އެބަހުރިކަމަށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ހިންގާ ފޭސްބުކް އިންކޯޕަރޭޝަންއިން ބުނެފިއެވެ.
ފޭސްބުކް ކުންފުނިން ބުނީ ސައުދީ ސަރުކާރުގެ ނެޓްވާކާ ގުޅިފައިވާ 350 އަށްވުރެ ގިނަ ފޭކް އެކައުންޓާ ޕޭޖުތައް ސަސްޕެންޑްކޮށްފައިވާކަމަށާ، މި އެކައުންޓްތަކާ ޕޭޖުތައް ފޮލޯކުރާ 1.4 މިލިއަން ޔޫޒާޒް ތިބި ކަމަށެވެ. މިއީ ފޭސްބުކް ޕްލެޓްފޯމް ބޭނުންކޮށްގެން އެކި ކަހަލަ ޖަރީމާތައް ހިންގުން ހުއްޓުވުމަށް އެކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވެސް ފޭސްބުކް އިންކޯޕަރޭޝަންއިން ބުނެއެވެ. މިއީ ސައުދީގެ ސަރުކާރާ ގުޅުންހުރި މިފަދަ ފުރަތަމަ މައްސަލަކަންވެސް ފޭސްބުކް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ފޭސްބުކްގެ ވާހަކަތަކަށް ރައްދު ދެމުން ސައުދީ އަރަބިއްޔާގެ ސެންޓާ ފޯ އިންޓަނޭޝަނަލް ކޮމިއުނިކޭޝަންއިން ބުނީ ފޭސްބުކްއިން އެބުނާ އެކައުންޓްތަކަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާ ކަމަށާ، ސައުދީގެ ސަރުކާރާ އެ އެކައުންޓްތަކާ ގުޅޭ އެއްވެސް ގޮތެއްވެސް ނޭނގޭ ކަމަށެވެ.
ސިޔާސީ ނުފޫޒު ފެތުރުމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ނާޖާއިޒު ފައިދާ ނަގާ މައްސަލައަކީ މި ފަހަކަށް އައިސް ފެންމަތިވަމުން އަންނަ ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.
ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން ދޮގު ޚަބަރުތަކެއް ފެތުރުމަށްވެސް މިފަދަ އެކައުންޓްތަކެއް ބޭނުންކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.