ޗައިނާއިން އެމެރިކާއަށް އެތެރެކުރާ 300 ބިލިއަން ޑޮލަރުގެ މުދަލުން 10 ޕެސެންޓްގެ ޓެރިފެއް އިތުރަށް ނަގަން ފަށާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިތުރު އުފެއްދުންތަކަކުން ނަގާ ޓެރިފް ބޮޑުކުރަން ނިންމާފައިވާއިރު، މިއީ އެމެރިކާއާއި ޗާއިނާއާއި ދެމެދު ރޯވެފައިވާ އިގުތިސޯދީ ހަނގުރާމައިގެ އަލިފާންގަނޑަށް އެޅުނު އިތުރު ދަރުތަކެއްގެ ގޮތުގައި މުރާސިލުން ސިފަކުރެއެވެ.

އެންމެފަހުން ޓެރިފް ބޮޑުކުރަން ނިންމި އުފެއްދުންތަކުގެ ތެރޭގައި ސްމާޓްފޯނާ އަންނައުނުގެ އުފެއްދުންތައް ހިމެނޭއިރު، ޗައިނާގެ ހާރިޖީވަޒީރު ވަނީ އެމެރިކާގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗައިނާގެ އިތުރު އުފެއްދުންތަކަކުން ޓެރިފް ނަގާ މިންވަރު ބޮޑުކުރުމަށް އެމެރިކާއިން ނިންމާފައި މިވަނީ އެމެރިކާއާއި ޗައިނާގެ އިގުތިސޯދީ ހަނގުރާމައަށް ހައްލެއް ހޯދިދާނެ ކަމަށް ބަލާ، މަޝްވަރާތަކެއްވެސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.