ރައްޔިތުންގެ ރުޅިމަޑުކުރަން ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު ހެޔޮކޮށްފި

އިގުތިސޯދީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުގެ ބާޒާރުގައި ކާބޯތަކެތި އަގުތައް އިންތިހާއަށް އުފެލެމުންދިއުމާ ގުޅިގެން ރުޅިގަދަވެފައިވާ ރައްޔިތުން ހަމައަކަށް އެޅުވުމުގެ ނިޔަތުގައި، ކާބޯތަކެތީގެ ބާޒާރުން ލިބެން ހުންނަ ބައެއް ތަކެތީގެ އަގުތައް ހެޔޮ ކުރުމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ނިންމަވައިފިއެވެ.

ކާބޯތަކެތީގެ ބާޒާރުން ލިބެން ހުރި ތަކެތީގެ ތެރެއިން އަގުތަކަށް ބަދަލު ގެނެސްފައިވަނީ އެންމެ ގިނަ ބަޔަކު، މައިގަނޑު ކެއުމުގެ ގޮތުގައި ބޭނުންކުރާ ރޮއްޓާ ނާންގެ އަގުތަކަށް ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން މީގެ ކުރިން 8-10 ރުޕީޒްއަށް ވިއްކި ރޮށި މިހާރު ވިއްކަނީ 7-8 ރުޕީޒްއާއި ދެމެދު އަގުތަކެއްގައެވެ. ނާންއަށް ބަލާއިރު 12-15 ރުޕީޒްއާއި ދެމެދު އަގުތަކެއްގައި ވިއްކަމުން އައި ނާންގެ އަގުތައް، މިހާރު ވަނީ 10-12 ރުޕީޒްއާއި ދެމެދު އަގުތަކަކަށް ކުޑަ ކޮށްފައެވެ.

ޕާކިސްތާނުގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލެމުންދަނީ އިންތިހާއަށް ކަންބޮޑުވާ ދަރަޖައަކަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާ ބަލާއިރު ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ 10.3 ޕަސެންޓް އުފުލިފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ އަގުތަކާ އަޅާ ބަލާއިރު ޖުލައި މަހު ބާޒާރުގެ އަގުތައް ވަނީ 8.9 ޕަސެންޓް އުފުލިފައެވެ.

ކަންމިހެންއޮތްއިރު ހަކަތައިގެ ގޮތުގައި ބޭނުންކުރާ އުފެއްދުންތަކުގެ އަގުތައްވެސް ޕާކިސްތާނުގައި ދަނީ އުފުލެމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާ ބަލާއިރު ޕާކިސްތާނުގައި ބާޒާރުގައި ހަކަތައިގެ އުފެއްދުންތަކުގެ އަގުތައް ވަނީ 23 ޕަސެންޓް އުފުލިފައެވެ.