ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ މީހުންގެ ކިޑްނީ ބަލި ބޮޑުވެ ނުރައްކާ ދަރަޖައަށް ހިނގައިދާނެ ކަން އިންތިހާ އަވަސް މިނެއްގައި ދެނެގަނެވޭ ގޮތަށް ފަރުމާކޮށް، އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަން ބޭނުންކުރަމުންދާ އިނގިރޭސިވިލާތުގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަރާތަކުން ބުނީ، ކިޑްނީ ބަލީގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ކުރިން ހޭދަވާ ގަޑިރިއިރުތަކުގެ ބަދަލުގައި، މިހާރު މަދު މިނެޓްކޮޅެއްގެ ތެރޭގައި މިކަން ދެނެގަނެވޭ ކަމަށެވެ.

ކިޑްނީ ބައްޔާ ގުޅުންހުރި އެކި ކަހަލަ ތަކުލީފުތަކަކީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކޮންމެ ފަސް މީހަކުން އެކަކު ތަހައްމަލުކުރާ ތަކުލީފުތަކެކެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައި މިކަން އިތުރެވެ. އަދި މިކަމުގެ އަސަރު، އެހެން ގުނަވަންތަކަށްވެސް ކުރަން ފަށައެވެ.

މޯބައިލް ފޯނު މެދުވެރިކޮށް މުހިންމު މައުލޫމާތުތަކެއް ލިއްބައިދޭ "ސްޓްރީމްސް"ގެ ނަން ދީފައިވާ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ރޯޔަލް ފްރީ ހޮސްޕިޓަލާ، ޓެކްނޮލޮޖީ ކުންފުނި ޑީޕްމައިންޑް ގުޅިގެންނެވެ.

ރޯޔަލް ފްރީ ހޮސްޕިޓަލުގައި ކިޑްނީ ބަލިތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ ސެލީ ހެމޯ ވިދާޅުވީ، މި މަޝްރޫއަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. މި ޓެކްނޮލޮޖީ ފުރިހަމަ ކުރަން އަދިވެސް ގިނަ މައުލޫމާތުތަކެއް އެއްކުރަންޖެހޭކަން ޑރ ސެލީ ވަނީ ފާހަގަކުރައްވާފައެވެ.

މި އެޕްލިކޭޝަން އަދި އޮތީ ތަހުލީލީ މަރުހަލާގައެވެ.