ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ސީފުޑްގެ ހާއްސަ ރެސްޓޯރަންޓް 'ދަ މެންހަޓަން' އިން ރާއްޖެއަށް ހާއްސަ 4 ޑިޝް އަކާއެކު މުޅިން އާ ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވަމުން އެބަދެއެވެ. މާލޭގައި ހުޅުވާ މެންހަޓަން ހުޅުވާނީ އަންނަ ނޮވެމްބަރުގައެވެ.

އާ ރެސްޓޯރަންޓާއެކު ތައާރަފު ކުރާ މި ޑިޝް ތައް ހިމެނޭ މެނޫއަކީ 'ޖެނެރޭޗަން 7' ގެ ނަމުގައި ތައާރަފު ކުރާ މެނޫއެކެވެ.

ދިވެހިންގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މެންހަޓަން ރެސްޓޯރަންޓުގެ ފަރާތުން މައުލޫމާތު ދެމުން ބުނީ، އަލަށް ތައާރަފު ކުރާ ޖެނެރޭޝަން 7 ގެ މެނޫގައި ހިމަނާ 4 ޑިޝް އަކީ ދިވެހި ރަހަތަކާއެކު ސިއްހަތަށް ފައިދާ ހުރި ޑިޝް ތަކަކަށް ވާނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މެންހަޓަންގެ ރެސްޓޯރަންޓުގައި ބަޔަކު ކަނީ / ފޮޓޯ: މެންހަޓަން

"ދަޕްރެސް" އަށް މައުލޫމަތު ދެއްވަމުން މެންހަޓަން ރެސްޓޯރަންޓުގެ ވެރިޔާ އިބްރާހިމް ނައީމް ވިދާޅުވީ މި ޑިޝް ތަކަކީ ދިވެހިންނާ ގުޅޭ ގޮތަށް ރަހަތައް ގެނެސްފައިވާ ޑިޝްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ސިއްހަތަށް ފައިދާ ހުރި ކެއުމެއް ދެވޭތޯ، އެގޮތުން އަލަށް ތައާރަފު ވާ 4 ޑިޝްއަކީވެސް ސިއްހައްތައް ފައިދާ ހުރި އިންގްރީޑިއަންޓްސް އިން މުއްސަނދި ކުރެވިފައިވާ 4 ޑިޝް އަށް ވާނެ" ނައީމް ވިދާޅުވިއެވެ.

ޖެނެރޭޝަން 7 ގެ މެނޫއަށް އިތުރުވާ 4 ޑިޝްގައި ހިމެނޭ އިންގްރީޑިއަންޓްސް ތަކަކީ ކޮބައިތޯ އެހުމުން ނައީމް ވިދާޅުވި "އެއީ ސަޕްރައިސް އެއް" ކަމަށާ މެންހަޓަންގެ އެހެން ޑިޝްތައް ފަދައިން މީރު ޑިޝްތަކަކަށް ވާނެކަމަށެވެ.

ހުޅުމާލޭގައި ހުންނަ މެންހަޓަންގެ ރެސްޓޯރަންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މެންހަޓަން

ރާއްޖޭގައި ހިންގާ މެންހަޓަންއަކީ ގިނަ ކާމިޔާބީތަކެއްވެސް ހޯދަމުން އަންނަ ރެސްޓޯރަންޓެކެވެ. އެގޮތުން 2017 ވަނަ އަހަރު 'ބެސްޓް ޕާފޯމާ އެވޯޑް" ނުވަތަ އެންމެ ރަނގަޅަށް ވިޔަފާރި ކުރި ތަނެއްގެ ގޮތުގައި ރާއްޖޭގެ މެންހަޓަން ވަނީ ހޮވިފައެވެ. އަދި ނިމިދިޔަ 2018 ވަނަ އަހަރުވެސް މި އވޯޑް ހާސިލު ވާނެ ފަރާތަކީ ދިވެހި މެންހަޓަނަށް ވެގެން ދާނެ ކަމަށް އެފަރާތުން އުއްމީދު ކުރެއެވެ. 2018 ވަނަ އަހަރުގެ އެވޯޑް ހަފްލާ އަދި ނުބާއްވައެވެ.

ޖުމްލަ 86 ވައްތަރެއްގެ ސީފްޑް ޑިޝް ލިބެން ހުންނަ މެންހަޓަންގެ ޑިޝްތަކަކީ، ސިއްހަތައް ފައިދާ ހުރި ގިނަ ބާވަތްތައް އެކުލެވޭ ޑިޝްތަކެކެވެ. އެގޮތުން އޮމެގާ 3 ގިނަ އަދަދަކަށް ހިމެނޭ ސެލްމޮން މަހާއި ތާޒާކޮށް ހުންނަ ތަރުކާރީ އަކީ މި ޑިޝްތަކުގެ ހާއްސަ ސިފައެކެވެ. ކެއްކުމުގެ ވައްޓަފާޅިވެސް މުޅިން ތަފާތު ކޮށް ހުންނަ މެންހަޓަންގެ ޑިޝްތަކަކީ ކޮންމެ 6 މަހަކުން އެއްފަހަރު، ކަމުގެ މާހިރުން އިނިސްޕެކްޓް ކޮށް، މިންގަނޑުތަކާ ހަމަތައް އަދި ރަހަތައް އެއްވަރެއްގައި ހިފަހައްޓާ ޑިޝްތަކެއް ކަން ފާހަގަ ކުރެވެއެވެ.