ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދު މަރާލީ ފޮޓޯތަކެއްގެ ސަބަބުން، އިސްލާމް ދީނަށް ފުރައްސާ ކުރާ މީހުން މަރަން ޖެހޭ ކަމަށް ދައުވާ ލިބޭ މީހުން ނިންމައިގެން ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފިއެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހާ ބުނިގޮތުގައި ދައުވާ ލިބޭ ހަ މީހުންނަކީ ވެސް އޭނާ ދަންނަ ބައެކެވެ. އަދި ޔާމީން މަރާލުމުގެ މަޝްވަރާތައް ފެށުނީ 2016 ވަނަ އަހަރު ނޮވެމްބަރު މަހު ފުރުގާން މިސްކިތުގައި ކަމަށާއި އެ މަޝްވަރާ ފެށުނީ މާލޭގައި ބޭއްވި ފޮޓޯ މައުރަޒެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ފަދަ އެއްޗެހިތަކެއް އާންމުކުރި ހިސާބުން ކަމަށެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ.

ޔާމީން މަރާލި މައްސަލާގައި ދައުވާލިބޭ ހަ މީހުން މަޝްވަރާ ކުރީ އޭނާ އަކީ ދީނަށް ފުރައްސާރަ ކުރި މީހެއް ކަމަށް ސިފަކޮށްގެން ކަމަށާއި، ދީނަށް ފުރައްސާރަ ކުރާ އެންމެން މަރަން ޖެހޭނެ ކަމަށް ބުނެ އެ މަޝްވަރާތަކުގައި ވާހަކަ ދެއްކި ކަމަށް ހެކި ވެރިޔާ ބުނެފައި ވެއެވެ. އަދި އެ މަޝްވަރާތައް އަޑު އިވޭ ހިސާބުގައި އޭނާ އަށް ހުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައި ވާއިރު، އެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ދައުވާ ލިބޭ ހައިޝަމް އިސްކޮށް ހުރެގެން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުގައި، ދެން ތިބި ފަސް މީހުން ވެސް އެކަމުގައި ބައިވެރި ކުރީ ފަހުން ކަމަށާއި، އެކި ތަންތަނުގައި އެކަމުގެ މަޝްވަރާތައް އެ މީހުން ކުރަމުންދިޔަ ކަމަށެވެ. އެގޮތުން ފުރުގާން މިސްކިތްތަކާއި އެހެން ބައެއް މިސްކިތްތަކުގެ އިތުރުން ދައުވާލިބޭ ޒިޔާދު ދިރިއުޅުނު ގޭގައި ވެސް މަޝްވަރާތައް ކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

ސިއްރު ހެކިވެރިޔާ ބުނީ ޔާމީން މަރާލަން ތައްޔާރު ވުމުގެ ގޮތުން، ދައުވާލިބޭ މީހުން ފެތުމާއި ދުވުން ފަދަ ބައެއް ފިޒިކަލް ޓްރެއިނިންތައް ވެސް ހެދި ކަމަށެވެ. އަދި ޔާމީން މަރާލި ރޭ، ދައުވާ ލިބޭ އިސްމާއިލް ރަޝީދު ޔާމީންގެ ގެ ކައިރީގައި ސައިކަލެއްގެ މަތީގައި އިން ކަމަށާއި، ދައުވާލިބޭ ބައެއް މީހުންގެ އަންނައުނު ފަދަ ތަކެތި ދޮވެ ދިނުމުގެ މަސައްކަތް ވެސް ރަޝީދު ކުރި ކަމަށް އޭނާ ބުނެއެވެ.

ޔާމީނަށް ފާރަލުމުގައި ޝިިފާޒާއި ދިފްރާން ބައިވެރިވި ކަމަށް ހެކިވެރިޔާ ބުނެފައި ވާއިރު، ދައުވާލިބޭ ޒިޔާދުގެ ފަޔަށް އަނިޔާއެއް ލިބުމާ ގުޅިގެން، ޔާމީން މަރާލި ރޭ އެކަމުގައި އޭނާ އަމަލީ ގޮތުން ބައިވެރިނުވާ ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި ދައުވާލިބޭ ހައިޝަމް އެ ހާދިސާގެ ފަހުން، ދިޔަ މަސް ދަތުރެއްގައި އޭނާގެ ފޯނު މޫދަށް ވައްޓާލި ކަމަށާއި، ޔާމީނަށް ހަމަލާދިން މީހުން ކަމަށް ބުނެ ފުލުހުން އާންމުކުރި ފޮޓޯތަކުގައި ފެންނަނީ ހައިޝަމް އާއި ޒިހާން ކަމަށާ އަދި އެ ދެ މީހުން ސިފަ ބަދަލު ކޮށްގެން ތިއްބަސް އެ ދެ މީހުންގެ ހަށިގަނޑަށް ބަަލާފައި އެކަން އެނގޭ ކަމަށް ހެކިވެރިޔާ ބުނެއެވެ.

މީގެ އިތުރުން ހެކިވެރިޔާ ބުނީ، ދައުވާލިބޭ ހަ މީހުންގެ ތެރެއިން އިތުރު ބަޔަކު ވެސް އެކަމަށް އެކި ގޮތްގޮތުން އެހީތެރިވެ ދީފައިވާ ކަމަށެވެ. އޭނާ ބުނީ، ސައިކަލުތަކާއި ފޯނާއި ވަޅި އަދި މާސްކް ފަދަ ތަކެތި ހޯދައިދިނީ އެހެން ބަޔަކު ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަން އޭނާއަށް ބުނަން ނޭނގޭ ކަމަށެވެ.

މިއަދު ބޭއްވި ޔާމިންގެ އަޑުއެހުމުގައި ސިއްރު ހެކިވެރިޔާގެ އިތުރުން ހަތަރު ފުލުހެއްގެ ހެކިބަސް ނަގައިފައި ވެއެވެ. އޭގެ ތެރޭގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި އޭނާ މަރާލާފައި އޮއްވާ އެތަނަށް އެންމެ ފުރަތަމަ ދިޔަ ދެ ފުލުހުންނާއި، ދައުވާލިބޭ ހައިޝަމް އާއި ޒިހާންގެ ހަށިގަނޑުގެ ބައެއް ތަންތަން ފޮޓޯ ނެގިއިރު ޒަހަމްތަކެއް ފެންނަ ހުރި ކަމަށް ބުނާ ފުލުހެއްގެ އިތުރުން ޔާމީން މަރާލި މައްސަލަ ތަހުގީގު ކުރިއިރު، އޭނާ މަރާލި ސިޑި ގޮޅީގައި ހުރި ބޮކި ނުދިއްލޭ މައްސަލަ ތަހުގީގުގެ ތެރެއިން އެކަން ބެލުމަށް އެތަނަށް ދިޔަ ފުލުސް ހިމެނެއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވާކަމަށާ އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ދީފައި ވާ ކަމަށް ބުނެއެވެ.