ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް 4 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާ ޖޭއެސްށީން މައްސަލަ ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާޒީ ހައިލަމާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ބެލުމަށް ނިންމާ، އެ ޝަކުވާ ބެލުމަށްޓަކައި ތައުދީބީ ކޮމިޓީއަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ދީދީއާ ގުޅޭގޮތުން އިތުރު ޝަކުވާއެއް ޖޭއެސްސީ އަށް ހުށަހެޅިފައިވާ ކަމަށާއި، އެ ޝަކުވާ ފަނޑިޔާރު ދީދީއާ ބެހޭގޮތުން މިހާރު ބަލަމުންދާ ޝަކުވާގެ ތެރެއަށް އިތުރުކޮށް، ޝަކުވާ ބަލާ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މައްސަލަ ބެލުމަށް ނިންމާފައިވާ ފަނޑިޔާރުންގެ ތެރޭގައި، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހިމް ވެސް ހިމެނެއެވެ. އެގޮތުން މެޖިސްޓްރޭޓް ލުއައްޔުއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ބަލައިގަނެ، މިހާރު ވެސް މެޖިސްޓްރޭޓް ލުއައްޔުގެ ޝަކުވާތައް ބަލަމުންދާ ކޮމިޓީއަށް ފޮނުވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. ޖޭއެސްސީން މެޖިސްޓްރޭޓް ލުއައްޔުއާ ބެހޭގޮތުން މިހާރުވެސް 4 ޝަކުވާއެއް ތަހްގީގުކުރަމުން ދަތީ، މިއަދު ބަލަން ނިންމި ޝަކުވާއާއެކު މެޖިސްޓްރޭޓް ލުއައްޔުއާ ބެހޭގޮތުން 5 ޝަކުވާއެއް ޖޭއެސްސީން ތަހުގީގު ކުރަމުންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، ހދ. ޖުޑިޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ބެހޭގޮތުން ހުށަހެޅިފައިވާ 3 ޝަކުވާއެއް ބެލުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ. އަދި އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.