މިދިޔަ އަހަރަކީ ފަހުރުވެރިވާ ފަދަ ކާމިޔާބު އަހަރެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރައްވަމުން، ޓިމް ވިދާޅުވީ، ބޭންކުގައި ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި ބޭންކަށް އިތުރު ކާމިޔާބު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޒަރިއްޔާއިން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައަށް ފޯރުކޮށްދެވޭ ހުދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބީއެމްއެލް އިން މިހާތަނަށް ހޯދި އެންމެ ކާމިޔާބު މާލީ ނަތީޖާތަކަށްފަހު، ހިއްސާދާރުންނަށް މައުލޫމާތު ދެއްވަމުން ސީއީއޯ ޓިމް ސޯޔާ ވަނީ ބޭންކުން ހޯދާފައިވާ ކުރިއެރުން ފާހަގަކޮށް ރޭ ބޭއްވުނު އަހަރީ އާންމު ޖަލްސާގައި އެކަމަށް އަލިއަޅުވާލައްވާފައެވެ.

ޓިމް ވިދާޅުވީ، ޓެކްސް އަށް ކެނޑުމުގެ ކުރިން އެ ބޭންކަށް ލިބުނު ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެއީ ޖުމްލަކޮށް 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އެގޮތުން، ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެއް ކަމަށާއި، އަހަރު ނިމުނުއިރު އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް3.5 ޕަސެންޓަށް ދަށްކުރެވިފައިވާ ކަން ޓިމް ފާހަގަކުރެއްވިއެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވެސް ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭންކިން ހިދުމަތް ފުޅާވެ، އާ ޓެކްނޮލޮޖީ އާއި އޮންލައިންކޮން ދެވޭ ހިދުމަތްތަކުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުންދާކަމުގެ މައުލޫމާތު ހިއްސާދާރުންނަށް ދީފައިވާއިރު، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭންކިންގ ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުން ކުރާ ހިދުމަތްތަކަށް އޮންލައިން އެޕްލިކޭޝަން ބީއެމްއެލުން ވަނީ ތައާރަފް ކޮށްފައެވެ.

މިކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށް ވެސް އިތުރު ހަލުވިކަމެއް ލިބިފައިވާ ކަމަށާއި، ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ހިދުމަތް ތައާރަފް ކުރެވި މުޅި ރާއްޖެ ހިމެނޭ ގޮތަށް ހިދުމަތްދެމުންދާ ސެލްފް ސާވިސް ބޭންކިން ވިއުގައަށް ވަނީ 24 ގަޑިއިރު ހިދުމަތްލިބޭ އޭޓީއެމް ސެންޓަރުތައް ވެސް އިތުރުކުރެވިފައެވެ. މިދިޔަ އަހަރު އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް 40 މިލިއަން ޓްރާންސެކްޝަން ހަދާފައިވާއިރު، ބޭންކުގެ ކޮންމެ 10 ޓްރާންސެކްޝަނުން ނުވަ ޓްރާންސެކްޝަން އަކީ އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް ހެދިފައިވާ ޓްރާންސެކްޝަންތަކެވެ.

މީގެ އިތުރުން ޓިމް ވިދާޅުވީ، 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 110 ޕްރޮޖެކްޓެއް މިދިޔަ އަހަރުތެރޭ ހިންގާފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ. އަދި ބޭންކުގެ ކުރިއަރާފައިވާ މާލީ ނަތީޖާއަށް ބަލައި، މި އިންވެސްޓްމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން ވެސް ޓިމް ވަނީ ފާހަގަކުރައްވާފައެވެ.