ރީހެބިލިޓޭޝަންގެ ނަމުގައި މަދަނީ އާދަކާދައިގެ މަންހަޖަށް ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސްގައި ވީގުރު މުސްލިމުންނަށް ހިންގި "ކޭމްޕުތަކުގައި" ބައިވެރިވި މީހުން މިހާރު މުޖުތަމައު ތެރެއަށް ނެރެފައިވާނެ ކަމަށް ޗައިނާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އަދިވެސް ކޭމްޕުތަކުގައި ބަޔަކު ތިބިއިރު އެއީ ކިހާ "ގައިދީންނެއް" ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ކަންމިހެންއޮތްއިރު، ޗައިނާގެ އޮފިޝަލުގެ ވާހަކަތައް ގަބޫލުކުރަން ދަތިކަމަށާ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ޓީމަށް ޝީންޖިއާންގް ހުޅުވާލުމަށް އެމެރިކާގެ ހާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.

އދގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ޝިންޖިއާންގްގައި ދިރިއުޅެމުންދާ މިލިއަނެއްހާ މުސްލިމުންވަނީ ސަރުކާރުގެ "ކޭމްޕުތަކުގައި ހައްޔަރު" ކޮށްފައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މި ކޭމްޕުތަކަކީ ވޮކޭޝަނަލް ތަމްރީނު ދޭ މަރުކަޒުތަކެކެވެ.

ޗައިނާ ސަރުކާރުން މިހެން ބުނި ނަމަވެސް އިސްލާމް ދީނާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. އިސްލާމު ދީނުގެ ރުކުންތައް ފުރިހަމަ ކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ އިތުރުން އިސްލާމީ މިންގަނޑުތަކަށް ހެދުން އެޅުމާ، ތުނބުޅި ބެހެއްޓުން ފަދަ ކަންކަން ކުރާ މީހުންނަށްވެސް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހަރުކަށި އަދަބު ދޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.