ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެގެން، ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެންގޮސް އަންހެނަކާއި ކުޑަ ކުއްޖަކަށް އަނިޖާވެއްޖެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ، މިހާދިސާ ހިގާފައިވަނީ މިއަދު މެންދުރު 14:00 ހާއިރު ހުޅުމާލޭ ނިރޮޅު މަގުގައި ކަމަށެވެ. މި އެކްސިޑެންޓު ހިނގައި ދިޔައިރު ސައިކަލު ދުއްވަން އިނީ 31 އަހަރުގެ އަންހެނަކާއި ސައިކަލް ފަހަތުގައި އިނީ 9 އަހަރުގެ ފިރިހެން ކުއްޖެއްކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން މީހާއާއި ކުޑަކުއްޖާއަށްް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުވި ފިރިހެން ކުއްޖާގެ ލޯކައިރި މަށައިގެންގޮސްފައިވާއިރު، އަންހެންމީހާގެ މޫނުމަތި ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރަށް ފުލުހުން ބުނީ ސައިކަލު ދުއްވަން އިން އަންހެންމީހާ އަތުގައި ލައިސަންސް އޮތް ކަމަށެވެ. މި މައްސަލަ ފުލުުުހުން ދަނީ ތަހުގީގު އިތުރަށް ކުރަމުންނެވެ.

މިފަދަ އެކްސިޑެންޓް އތައް ހިނގުން އާންމު ވެފައި ވާއިރު މިދިޔަ މޭ މަހުގެ ތެރޭގައިވެސް ވަނީ ކުޑަކުއްޖަކު ފަހަތަށް އަރުވައިގެން ސައިކަލު ދުއްވާފައި ދިޔަ އަންހެންކަު އެކްސިޑެންޓް ވެފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑު ރަސްގެފާނުގެ މަގުގެ އިރުން ހުޅަނގަށް އަންހެނަކު ކުޑަ ކުއްޖެއް ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށެވެ. މަގުމަތިން ދިޔަ ކުޑަކުއްޖެއް ސައިކަލް ކުރިމައްޗަށް އެރުމުން، އެ ކުއްޖާ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފިހާރަ ތެރެއަށް ސައިކަލު ވަދެފައި ވާއިރު ސައިކަލު ފަހަތުގައި އިން ކުޑަކުއްޖާގެ އަތް ކަފައިގެން ގޮސް ސައިކަލު ދުއްވަން އިން އަންހެން މީހާ ލޭފެނިގެން ހޭނެތިފައި ވެއެވެ.