މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން އިސް ނަގައިގެން ބާއްވާ ޔޫތު ޓެކް ފެއާ 2019 ހުޅުވައިފިއެވެ.

މާލޭ ކޮމިއުނިޓީ ސެންޓާ (ސޯޝަލް ސެންޓާ) ގައި ކުރިޔަށްދާ މި ފެއާއަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި އުގައިލް ފައުންޑޭޝަނާއި ގުޅިގެން ބާާއްވާ ފެއާއެކެވެ. މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން ޕްރޮފެސާ ހަސަން އުގައިލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފެއާ އަކީ ޒުވާނުން ބާރުވެރިކުރުވައި ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއާއެކެވެ.

މި ފެއާ، މާދަމާ އާންމު ރައްޔިތުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު މާދަމާ ފެއާ ބައްލަވާލެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ފެއާގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފެއާއަށް ޒިޔާރަތްކުރައްވައިގެން އުރީދޫން ބާއްވާ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން މި ފެއާގެ އެންމެ މޮޅު ބައިވެރިން ހޮވުމަށް ހާއްސަ ޖަޖިން ޕެނަލްއެއް އެކުލަވާލަވާލާފައިވާ އިރު މި ޕެނަލް ލީޑް ކުރައްވާނީ ޕްރޮފެސާ އުގައިލްއެވެ. އަދި ފެއާ އިން ހޮވާލެވޭ އެންމެ މޮޅު ފަސް ބައިވެރިންނަށް އުކުޅަސް ޓެކް ފެއާ 2019 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.